ހިތާމަވެރި ހާދިސާތައް މަދު ކުރުމަށް އުޅަނދުފަހަރުގައި ޑައިވް ކުރުމުގެ ފުރިހަމަ ތަމްރީން ލިބިފައިވާ “ރެސްކިއު ޑައިވަރެއް” މަސްވެރިކަން ކުރާ ކޮންމެ ދޯންޏެއްގައި ބެހެއްޓުމަށް ތަމްރީން ޕްރޮގްރާމެއް ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޢިއްޒު މިފަދައިން ވިދާޅުވެފައިވަނީ މަސްވެރިންގެ ދުވަހާއި ގުޅިގެން ރޭ ދަރުބާރުގޭގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެންދެމުމަށާއި އެނޫން ވެސް ކަންކަމަށް މަސްވެރިން ވަރަށް ގިނައިން ފީނަން މޫދަށް ފައިބާ ކަމަށެވެ.
މިގޮތަށް ފައިބާއިރު އަޑިއަށް ފީނުމުގެ ތެރެއިން، ޚާއްޞަކޮށް އެންވެރިކަމަށް ޑައިވް ކުރާއިރު، ހިތާމަވެރި ހާދިސާތައް ހިނގާ، ފުރާނައަށް ނުރައްކާވާ ހާލަތްތައް ދިމާވެފަ އެބަހުރިކަން ރައީސް ފާހަގަކުރެއްވިއެވެ.
އެހެންކަމުން އެފަދަ ހިތާމަވެރި ހާދިސާތައް މަދު ކުރުމަށް އުޅަނދުފަހަރުގައި ޑައިވް ކުރުމުގެ ފުރިހަމަ ތަމްރީން ލިބިފައިވާ ޑައިވަރުން ތިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެކަން މަގުފަހިކޮށްދިނުގެ ގޮތުން ޚާއްޞަ ތަމްރީނު ޕްރޮގްރާމްތަކުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
“އެހެން ކަމުން މަސްވެރިކަން ކުރާ ކޮންމެ އޮޑިއަކުން މަދުވެގެން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވާރ ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތަކަށް ހެދުމަށްޓަކައި ހާއްސަ ތަމްރީނު ޕްރޮގްރާމްގެ ފުރުސަތު ފަހިކޮށްދޭނަން. ރާއްޖޭގެ އެންމެ އަގުހުރި އެއް ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ދިމާވާ މިފަދަ ހިތާމަވެރި ހާދިސާތަކަށް ފަރުވާއެއް ނުހޯދާ ތިބުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެފަދަ ހާދިސާތައް ހިނގާއިރު، އެކަމުގެ ސަބަބުން ނިކަމެތިވަނީ ހަމައެކަނި ހާދިސާއާއި ކުރިމަތިލާ މީހާ ނޫން ކަމަށާއި އެމީހާގެ އާއިލާ އުމުރު ދުވަހަށް ފަޅުކަމާއި ހުސްކަން އިހުސާސް ކުރަން ޖެހޭ ކަމަށެވެ.

