ސްޓެލްކޯގެ ވިސްނުމަކީ، އެ ކުންފުނީގެ ހުރިހައި މުވައްޒަފުން ވެސް ގޮވައިގެން އުޅުން ކަމަށާއި، އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ޙުސައިން ފަހްމީ ވިދާޅުވެއްޖެއެވެ.
ފަހުމީ މިހެން ވިދާޅުވެފައި ވަނީ، ޕީއެސްއެމްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމަށް ދެއްވި ބަސްދީގަތުމެއްގައެވެ. އެމްޑީ ވިދާޅުވި ގޮތުގައި، އޭނާގެ އަމާޒަކީ ކުންފުނީގެ ޚިދުމަތްތައް ވަރުގަދަކޮށް، ސިސްޓަމްތައް ”އެފީޝަންޓް“ ކުރުމެވެ.
”އަދި މުވައްޒަފުންނަށް އަޅުގަނޑު ޔަޤީންކަން މި ދެނީ، މުވައްޒަފުންގެ ތެރޭގައި އަޅުގަނޑުމެން ސިޔާސީ ގޮތުން ނޫނީ، އެހެން ގޮތަކުން ވެސް، އެއްވެސް ތަފާތު ކުރުމެއް ނުބާއްވާނަމޭ.“ ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވަނީ މާލީ އިދާރާތަކަށް ވެސް މެސެޖެއް ދެއްވައި، ސްޓެލްކޯއިން ކޮރަޕްޝަން ނައްތައިލުމަށް މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ވެސް ދެއްވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި، މިވަގުތު ސްޓެލްކޯ އިން އެންމެ ބޮޑު އިސްކަމެއް ދެނީ، ކުންފުނި ރިފޯމްކޮށް، އިންވެސްޓަރުންގެ އިތުބާރު ދެމެހެއްޓުމަށް މަސައްކަތް ކުރުމަށެވެ.

