ރައީސުލްޖުމުހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ މުޙައްމަދު މުޢިއްޒު، ޗީފް އޮފް ޑިފެންސް ފޮސްގެ މަގާމުގައި ހުންނެވި މޭޖަރ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް، ލެފްޓިނެންޓް ޖެނެރަލް ރޭންކަށް ޕްރޮމޯޓްކުރައްވައިފިއެވެ.

މިކަމަށްޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ރައީސުލްޖުމުހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ މަތީ ވެރިޔާ، ޑރ މުހައްމަދު މުއިއްޒު، ޗީފް އޮފް ޑިފެންސް ފޯސްއަށް ލެފްޓިނެންޓް ޖެނެރަލްގެ ރޭންކް ހަވާލުކޮށްދެއްވިއިރު، މަގާމުގެ ކުރިއެރުން ދެއްވިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ދިފާއީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނެވެ.

މިއަދު މަޤާމުގެ ކުރިއެރުން ލިބިވަޑައިގަތް ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފަކީ އަސްކަރީ ތާރީހުގައި، ލެފްޓިނެންޓް ޖެނެރަލްގެ ރޭންކާއި ހަމައަށް ވަޑައިގެންނެވި ތިންވަނަ ބޭފުޅާއެވެ.

މީގެކުރިން ލެފްޓިނެންޓް ޖެނެރަލް ރޭންކް ލިބިވަޑައިގަތް ބޭފުޅުންނަކީ ލެފްޓިނެންޓް ޖެނެރަލް (ރިޓަޔަރޑް) އަންބަރީ އަބްދުއްސައްތާރާއި، ލެފްޓިނެންޓް ޖެނެރަލް (ރިޓަޔަޑް) އަބްދުﷲ ޝަމާލްއެވެ.