ފިނޭންސް މިނިސްޓަރަށް ލަފާ ދިނުމަށް މިނިސްޓަރު ފެންވަރުގެ ދެ ބޭފުޅަކު، ރައީސުލްޖުމުހޫއްރީއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.

މި މަޤާމުތަކަށް ރައީސް މުޢިއްޒު އައްޔަން ކުރައްވާފައިވަނީ މި ދައިރާގެ ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ދެ ބޭފުޅުންނެވެ. މި ދެބޭފުޅުންނަށް މަޤާމުފެ ފަތްކޮޅު މިއަދު ރައީސް ވަނީ އަރުއްވާފައެވެ. އެއީ؛

1. އަޙްމަދު ނަޞީރު، މުސްތަރީގެ، ކ. މާފުށި

2. އަޙްމަދު މުނައްވަރު، ދަފްތަރު ނަންބަރު ރސ 99031

އަޙުމަދު ނަސީރަކީ 2017 ވަނަ އަހަރު އޯގަސްޓް މަހުން ފެށިގެން 2019 ވަނަ އަހަރުގެ ޖުލައި މަހާއި ހަމައަށް އެމްއެމްއޭގެ ގަވަނަރުގެ މަޤާމު ފުރުއްވި ބޭފުޅެކެވެ.

އަދި އަޙުމަދު މުނައްވަރަކީ 2016 ވަނަ ޖޫން މަހު 22 ފެށިގެން ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރުގެ މަޤާމު ފުރުއްވި ބޭފުޅެކެވެ.

މި ދެ ބޭފުޅުންގެ މައިގަނޑު މަސައްކަތްޕުޅަކީ އައު ސަރުކާރުގެ ފިނޭންސް މިނިސްޓަރު، ޑރ. މުޙައްމަދު ޝަފީޤަށް ލަފާ އެރުވުމެވެ.