ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ހެލްތު މިނިސްޓްރީ އާއިއެކު ވަޒީފާގެ ކޮންޓްރެކްޓް ހަދައިފައިވަނީ ޤާނޫނާއި ޚިލާފަށް، ޚާއްޞަ އުސޫލަކުން ކަމަށް ބުނެ، އެއްބަސްވުން ބާތިލު ކުރަން ގޮވައިލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.
މި ކުއްލި މައްސަލަ ހުށަހެޅުއްވީ ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބެވެ. ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ސީނިއާ ސައިންޓިފިކް އޮފިސަރުގެ މަޤާމުގައި ހުންނެވި ސާޖިދާގެ ފަންނީ އެހީތެރިކަން ބޭނުންވާކަން ފާހަގަކޮށް، ކޮންޓްރެކްޓް އުސޫލުން އެ ކަމަނާގެ ކޮންސަލްޓެންސީ ލިބޭނެ ގޮތް ހަދައިދޭން ހެލްތު މިނިސްޓްރީން ސިވިލް ސާވިސް ކޮމިޝަން(ސީއެސްސީ)ގައި އެދިވަޑައިގަތުމުން އެކަން ވަނީ ހަމަޖައްސަވައިދެއްވައިފައެވެ.
އެކަމާ ދެކޮޅަށް ޔައުޤޫބު މިއަދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ ޤާނޫނާ ޚިލާފަށް ޚާއްޞަ އުސޫލަކުން ސާޖިދާ އަށް ކޮންޓްރެކްޓެއް ދީފައިވަނީ ސިވިލް ސާވިސްގައި މަސައްކަތްކުރާ އެތަކެއް ހާސް މުވައްޒަފުންގެ ޙައްޤުތައް ގެއްލޭ ގޮތަށް ކަމަށާއި، އެ އެއްބަސްވުން ބާތިލު ކުރަންޖެހޭ ކަމަށެވެ.
ޔައުޤޫބު ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގަތުމަށް 21 މެމްބަރުން ވޯޓު ދެއްވިއިރު، ދެކޮޅަށް ވޯޓު ދެއްވީ ހަތަރު މެމްބަރުންނެވެ.
އެމްޑީޕީގެ މެމްބަރަކު މިފަދަ ކުއްލި މައްސަލައެއް ހުށަހެޅުއްވިއިރު، ސާޖިދާއަށް މަހަކު ގިނަވެގެން ލިބެނީ 3000 ރުފިޔާ، ކަމަށާއި އެކަމަނާ ވަޒީފާއަށް ނިކުތުމުގައި ޚާއްޞަ އުސޫލެއް ހަދާފައި ނުވާނެ ކަމަށް ސީއެސްސީން ކުރިން ބުނެފައިވެއެވެ.
އެގޮތުން ފުރަތަމަ އެދިވަޑައިގެންފައި ވަނީ، މެޑަމް ސާޖިދާއަށް ދާއިމީ ވަޒީފާގައި ދެމިހުރެވޭނެ ގޮތެއް ހޯދަން ކަމަށާއި ޤަވާއިދު އެގޮތަށް ތަން ނުދޭތީ ކޮންސަލްޓެންޓެއްގެ ގޮތުގައި ކޮންޓްރެކްޓު އުސޫލުން އެ ކަމަނާ މަސައްކަތް ކުރައްވާ ގޮތަށް ހަމަޖެއްސީ ކަމަށް ސީއެސްސީން ބުނެއެވެ.