Ads by Asuru

މާލެ ސިޓީ ކައުންސިލުން ފެށި މާލެ ސްޓްރީޓް ސްކޭޕިން މަޝްރޫޢުގެ ދަށުން އަމީނީ މަގު ހެދުމުގެ މަޝްރޫޢު މާލެ ސިޓީ ކައުންސިލުން ސަރުކާރަށް ނަގައި އާރުޑީސީއާއި އަލުން ހަވާލުކުރިއިރު، މަޝްރޫއުގެ އަގު 84 މިލިއަން ރުފިޔާއަށް ބޮޑުކޮށްފައިވަނީ ކައުންސިލާއި އެއްވެސް މިންވަރަކަށް މަޝްވަރާނުކޮށް ކަމުގައި މާލެ ސިޓީގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިޙު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގެތެރެއިން.

މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސައިފް ވިދާޅުވީ އެކަމުގައި ޤާނޫނީ މައްސަލަތަކެއް އެބަހުރިކަމަށާއި، އާރުޑީސީއާ ސިޓީ ކައުންސިލާ ދެމެދުގައި ސޮއިކޮށްފައި އޮތް އެއްބަސްވުމެއްވެސް އެބައޮތް ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ކަމަކަށް ރިޢާޔަތްނުކޮށް ސިޓީ ކައުންސިލާއި އެއްވެސް މަޝްވަރާކުރުމެއް ނެތި ހަމަ ކުއްލި ގޮތަކަށް އެ މަޝްރޫޢު މި ނަގަނީ ޕްލޭނިން މިނިސްޓްރީއަށް ކަމަށެވެ. ސައިފް އިތުރަށް ވިދާޅުވީ މިއީ ކުރިން ތަސައްވަރުކުރި ލާމަރުކަޒީ ނިޒާމެއް ނޫން ކަމަށެވެ.

މިކަމުގައި އަޅުގަނޑު ދަންނަވަން ވަރަށް ގިނަ ކައުންސިލުތައް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ކައުންސިލުތައް މިހުރީ ސަރުކާރު ހިއްސާވާ ބޮޑެތި ކުންފުނިތަކުގެ މާސީގައި. އެ މީހުން އެކަން ކޮށްދިނިއްޔާ، އެކަމުގައި ދޫދިނިއްޔާ އެ މަސައްކަތެއް ހިނގާ ގޮތަށް މިހިރީ. އެހެންނަމަވެސް ކްލައިންޓަކީ އަޅުގަނޑުމެން. މާލޭގެ މަގުތަކާ މާލޭގެ ސިޓީ ކައުންސިލާ ނުބެހި ބެހޭނެ މީހަކު އަޅުގަނޑަށް ނުވިސްނޭ

ސައިފް އިތުރަށް ވިދާޅުވީ މި ސަރުކާރުން ކުރަމުން އަންނަ ގިނަ ކަންކަމަކީ މާލެ ސިޓީ ކައުންސިލާއި މަޝްވަރާ ކުރުމެއް ނެތި ކުރަމުން އަންނަ ކަންކަން ކަމަށެވެ. އެގޮތުން ކައުންސިލާއި މަޝްވަރާނުކޮށް ގަލޮޅު ދަނޑު އެތަނުގައި އަލުން އެޅުމަށް ސަރުކާރުން ނިންމި ނިންމުން މިސާލަކަށް ފުދޭ ކަމުގައި ސައިފް ވިދާޅުވިއެވެ.