ފަންނުވެރިކަމުގެ ދާއިރާއިން ޒުވާނުން ތަމްރީނު ކުރުމާއިގުޅޭ ޕްރޮގްރާމެއް ކުރިއަށްގެންދަން ޔޫތު މިނިސްޓްރީއިން ނިންމައިފިއެވެ.

އެ މިނިސްޓްރީއިން މިއަދު އެކްސްގައި ކުރި ޕޮސްޓެއްގައި ބުނެފައިވަނީ މި ޕްރޮގްރާމަކީ ސަރުކާރުގެ ހަފުތާ14 މަގުޗާޓުގައިވާ ކުރެހުމާއި ފަންނުވެރިކަމުގެ ދާއިރާއިން ޒުވާނުން ތަމްރީންކުރުމާއި ޒުވާނުންނަށް ކުރިއަށްދެވޭނެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮގްރާމެއް ކަމަށެވެ.

ޔޫތު މިނިސްޓްރީން ވަނީ މިޕްރޮގްރާމާއިގުޅޭ އެމްއޯޔޫ އެއްގައި މޯލްޑިވްސް އާޓިސްޓް ކޮމިޔުނިޓީ އާއިއެކު މިއަދު ސޮއިކޮށްފައެވެ. މިއަދު ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލު ވުމެއްގައި ޔޫތު މިނިސްޓްރީގެ ފަރާތުން އެމްއޯޔޫގައި ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު މުނާޒުއެވެ.

މޯލްޑިވްސް އާޓިސްޓް ކޮމިޔުނިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗެއަރޕާސަން އަލީ ރިޝްވާންއެވެ.

މި ޕްރޮގްރާމަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮގްރާމެކެވެ.

ޕްރޮގްރާމްގެ މަޤްޞަދަކީ ފައިން އާރޓްސްގެ ދާއިރާއިން ކުރިއަށްގެންދާ އެމްކިޔުއޭ ސެޓިފައިޑް ކޯސްތައް ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، އާރޓިސްޓުންގެ ހުނަރު ބައިނަލް އަޤްވާމީ މައިދާނުގައި ތަމްސީލް ކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.

މީގެ އިތުރުން މިދާއިރާއިން ހިންގާ ކޯސްތަކުގައި މޯލްޑިވްސް އާޓިސްޓް ކޮމިޔުނިޓީގެ އެހީތެރިކަން ހޯދުން ހިމެނެއެވެ.