ރާއްޖެ އާއި އިންޑިއާއާ ދެމެދު އެއްބަސްވެފައިވާ ރާއްޖޭގެ ހައިޑްރްގްރަފީ ސާވޭ ހެދުމުގެ އެއްބަސްވުން އައު ނުކުރާނެކަން އިންޑިއާ ސަރުކާރަށް މިހާރު އަންގާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީގެ އަންޑަ ސެކްރެޓަރީ މުޙައްމަދު ފިރުޒުލް ވިދާޅުވެފައި ވަނީ، މިއީ ބޭރު ޤައުމަކާއި އެކު ހަދާފައި ހުރި ޤައުމީ ސަލާމަތަށް ނުރައްކާވާ އެއްބަސްވުން އުވައލލުމުގެ ވައުދުގެ ތެރެއިން ނިންމާފައި ނިންމުމެއް ކަމަށެވެ.
މިއެއްބަސްވުމުގެ މުއްދަތު ހަމަވަނީ އަންނަ އަހަރު ޖޫން މަހުގެ 7 ވަނަ ދުވަހުއެވެ. އޭނާ ވިދާޅުވީ، އެއްބަސްވުން އައު ކުރާނަމަ އޭގެ 6 މަސް ދުވަސް ކުރިން އަންގަން ޖެހޭ ކަމަށާއި، މި ނިންމުމަކީ ކެބިނެޓުގައި އެކަން މަޝްވަރާ ކުރެއްވި ނިންމި ނިންމިމުމެއް ކަމަށެވެ.
”އަޅުގަނޑުމެންގެ ކަނޑުފަޅުތަކުގެ މައުލޫމާތަކީ ޒަމާނުއްސުރެ އަޅުގަނޑުމެން ކާބަފައިން، ޒަމާނުއްސުރެން އަޅުގަނޑުމެންގެ ރައުސުލްމާލެއް ގޮތުގައި، އަޅުގަނޑުމެންގެ ސިއްރެއްގެ ގޮތުގައި، ދެކި އެގޮތަށް ޤަބޫލުކޮށް އެފަދައިން އަމަލު ކުރަމުން އައި ހާއްސަ މައުލޫމާތުތަކެއް.“ ފިރުޒުލް ވިދާޅުވިއެވެ.
ފިރުޒުލް ވިދާޅުވީ އޭގެ ބަދަލުގައި ރައީސްގެ ވިސްނުންފުޅަކީ މި މައުލޫމާތަކީ އެމްއެންޑީއެފްގެ އެތެރޭގައި އިތުރު އެއްވެސް ފަރާތެއްގެ އެހީއާއި ނުލާ ރައްކާކުރެވިފައި ހުންނަން ޖެހޭ މައުލޫމާތު ކަމުން އެކަން ކުރުމަށް ބޭނުންވާ ޤާބިލުކަން އިތުރު ކުރުން ކަމަށެވެ.
މިއާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ދިވެހި އަސްކަރިއްޔާގައި އެ ޤާބިލްކަން އިތުރުކުރުމަށް ބެޖެޓުގެ ތެރެއިން ޚާއްޞަ މިންވަރެއް ކަނޑައަޅުއްވައި، ފިނޭންސް މިނިސްޓްރީން ބަޖެޓު ހަމަޖައްސައިދެއްވާފައިކަމަށް ވެސް ފިރުޒުލް ވިދާޅުވިއެވެ.
އެ ޤާބިލުކަން ޤާއިމްކުރުމުގެ މަސައްކަތް ދިވެހި އަސްކަރިއްޔާގައި ފެށިގެން ކުރިއަށްދާކަމަށާއި، ކުރިއަށް އޮތްތަނުގައި ހައިޑްރޮގްރަފީ ދާއިރާއިން ކަންކަން ކުރެވޭނީ ސައްތައިންސައްތަ ދިވެިންގެ ބެލުމުގެ ދަށުން، ދިވެހިންނަށް އެ މައުލޫމާތު އެނގޭގޮތަށްކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.

