މިހާރު ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، ރާއްޖޭގައި އިންޑިއާގެ 89 ސިފައިން ޤާއިމުވެ ތިބިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޮރ ޕަބްލިކް ޕޮލިސީ، މުޙައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ، ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ޢަދަދު، މަޢުލޫމާތު ލިބެމުންދާ ވަރަކުން ސަރުކާރުން ހާމަ ކުރައްވަވާނެ ކަމަށާއި، މިހާރު ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، އިންޑިއާގެ 89 ސިފައިން ތިބިކަން އެނގޭ ކަމަށެވެ.
”އެވަގުތަކަށް ކަށަވަރު ކުރެވޭ މަޢުލޫމާތު، އެންމެ ގާތުން ރައްޔިތުންނާއި ހިއްސާ ކުރުމުގެ ސިޔާސަތަކަށް ބައްޓަންވެ، އެ ސިޔާސަތަށް ރައްޔިތުންނަށް މަޢުލޫމާތު ހިއްސާ ކުރަމުން މި ދަންނަވަނީ.“ ފިރުޒުލް ވިދާޅުވިއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވައިލުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ރިޔާސީ ކެމްޕެއިނުގައި ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވަޢުދުފުޅެވެ.
އެމަނިކުފާނު ވިދާޅުވީ، މިއީ ޑިޕްލޮމެޓިކްކޮށް، ވާހަކަ ދެކެވިގެން، ޞުލްޙަވެރިކަމާއިއެކުގައި ކުރެވިދާނެ ކަމެއް ކަމަށާއި، ދިވެހީން އެދޭ ގޮތަށް ރާއްޖޭގައި ތިބި، ބޭރުގެ އެންމެހައި ސިފައިން ފޮނުވައިލައްވާނެ ކަމަށެވެ.

