ތެލަސީމީ ބައްޔަށް ފަރުވާ ކުރުމަށް ސަރުކާރުގެ ޚަރަދުގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހަދައިދޭން ނިންމި ނިންމުމާއިއެކު، އެ ފަރުވާއަށް މިއަދު ކުއްޖަކު ފުރައިފިއެވެ.

 

ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ”ހަފުތާ 14“ ގައި ހިމެނޭ ކަންކަމުގެ ތެރެއިން ހަތަރު ހަފުތާގެ ތެރޭގައި ހާސިލުކުރެވުނު ކަންކަން މީޑިއާތަކަށް ހިއްސާކުރުމަށް ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ޕަބްލިކް ޕޮލިސީގެ އަންޑަރ ސެކްރެޓަރީ މުޙައްމަދު ފިރުޒުލް ޚަލީލު ވިދާޅުވީ ތެލަސީމިއާ ބަލީގެ މީހުންނަށް މިހާރު ދެމުން އަންނަ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމާއި ހިލޭ ބޯން މެރޯ ޓްރާންސްޕްލާންޓް ހެދޭނެ މަގުފަހިކޮށް ދިނުމަށް ކަނޑައެޅި އަމާޒަށް ވާސިލުވެފައިވާ ކަމަށެވެ.

އެގޮތުން ބޯންމެރޯ ޓްރާންސްޕްލާންޓަށްކުއްޖަކު ފުރާފައިވާ ކަމަށް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ ވަރަށް އަވަހަށް އިތުރު ކުއްޖަކު ވެސް ފަރުވާ ހޯދަން ރާއްޖެއިން ބޭރަށް ފުރާނެ ކަމަށެވެ.

ސަރުކާރުގެ ހަރަދުގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުސަތު ފަހިކޮށްދޭން ނިންމީ މި މަހުގެ 10 ގައެވެ.