ހުސްވެފައިވާ ކޮމިޝަނާ އޮފް ޕޮލިސްގެ މަޤާމަށް ކުރިމަތިލުމަށް ފުރުޞަޠު ހުޅުވައިލައިފިއެވެ.

ހޯމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުން ފެށިގެން މަތީގެ ރޭންކްތަކުގައި މިވަގުތު ތިއްބެވި އޮފިސަރުުންގެ ތެރެއިން ޕޮލިސް ކޮމިޝަނަރުކަމަށް ޝައުގުވެރިވާ ބޭފުޅުންނަށް ފުރުޞަތު ހުޅުވާލައިފައިވާ ކަމަށެވެ.

އެގޮތުން އެ މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 12:00 ކަމަށްވެސް ބުނެފައިވެއެވެ.

ޤާނޫނުގައި ވާގޮތުން ކޮމިޝަނަރު އައްޔަންކުރާނީ އެމަގާމަށް ކުރިމަތިލާ ފަރާތްތަކާ ޕޮލިސް ބޯޑުން އިންޓަވިއުކޮށް، ހޯމް މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، ހޯމް މިނިސްޓަރުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

އަދި ޕޮލިސް ކޮމިޝަނަރު ޢައްޔަންކުރެވޭނީ ހަތަރު އަހަރުދުވަހުގެ ދައުރަކަށެވެ.

ޕޮލިސް ކޮމިޝަނަރުގެ މަޤާމުގައި ހުންނެވި މުޙައްމަދު ހަމީދު ރިޓަޔާ ކުރެއްވުމާއި ގުޅިގެން ނޮވެމްބަރުގެ މަހުގެ 15 އިން ފެށިގެން އެ މަޤާމު ވަނީ ހުސްވެފައެވެ.

އެހެންކަމުން މިވަގުތު އެކްޓިންގ ޕޮލިސް ކޮމިޝަނަރުގެ މަޤާމު ފުރުއްވަމުން ގެންދަވަނީ އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީއެވެ.