ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤަަމުން ވަކިކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ޤަވައިދަށް އިސްލާޙު ގެނައުމަށް މަޖިލީހުގެ އާންމު ކޮމިޓީން ފާސްކުރީ ޤާނޫނު އަސާސީއާ ޚިލާފަށް ކަމަށް ފިޝަރީޒް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ކޮމިޓީން ނިންމި ނިންމުމުގައި ބުނާ ގޮތުގައި ރައީސް އާއި ނާއިބު ރައީސް އަޒުލު ކުރަން ޤަރާރެއް ހުށަހެޅޭނީ ސަބަބާއެކު މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާއެކުއެވެ.
އެއަށްފަހު ލިޔުމަކުން މަޖިލީހަށް ހުށަހަޅާ ޤަރާރުގެ ނޯޓިސް ދެ ދުވަހުގެ ތެރޭގައި ރައީސް އާއި ނައިބު ރައީސްއަށް ދޭން ޖެހޭ ކަމަށް އެ ގަވާއިދުތަކަށް އިސްލާހު ގެނައުމަށް ކޮމެޓީން ފާސްކުރިއެވެ. އެ ނޯޓިސް ދޭތާ 14 ދުވަހުގެ މުއްދަތަކަށް ފަހު އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެ ޤަރާރު ހުށަހަޅަން ޖެހޭއިރު އެ ޖަލްސާގައި އިތުރު އެއްވެސް މަސައްކަތެއް ކުރުމަށް އެޖެންޑާ ކޮށްގެން ނުވާނެ ކަމަށް ކޮމިޓީން ފާސްކޮށްފައި ވެއެވެ.
އާންމު ކޮމެޓީން ނިންމައިފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި އެ ވަގުތަކު މެންބަރުންގެ ގޮތުގައި ދެމި ތިބި މެންބަރުންގެ އަދަދު އެއީ ޖުމްލަ އަދަދު ކަމުގައި ބަލާ ގޮތަށެވެ.
ކުރީން އޮތް ގޮތުން މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި އަމަލު ކުރަނީ މަޖިލީހުގެ ޖުމްލަ އަދަދަށެވެ.
ނައިފަރު ދާއިރާގެ ކުރީގެ މެމްބަރު ޝިޔާމް ވިދާޅުވީ، މިއީ ކަނޑައެޅިގެން ޤާނޫނާއި ޚިލާފު ނިންމުމެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ކަނޑައެޅިފައި އޮންނަނީ ޤަަނޫނު އަސާސީގެ 71 ވަނަ މާއްދާގައި ބުނާ އުސޫލުން ކަމަށާއި މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދަށް ރިއާޔަތްކޮށް ނިންމާ ނިންމުމުގެ އަދަދު އާންމު ކޮމިޓީން ނިންމާ އަދަދަކަށް ނިންމޭނެ އެއްވެސް ހަމައެއް ނޯންނާނެ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
މި އިސްލާޙު މަޖިލިސް ތަޅުމުން ފާސްވެއްޖެ ނަމަ، އެމްޑީޕީގައި މިހާރު އޮތް މެޖޯރިޓީން ރައީސާއި ނައިބު ރައީސް މަޤާމުން ދުރުކުރެވޭނެއެވެ.
އެ ހާލަތުގައި މައްސަލަ ފާސްކުރަން ބޭނުންވާނީ 54 މެންބަރުންގެ ވޯޓެވެ. ކުރިން ނަމަ 58 މެންބަރުންގެ ވޯޓު ބޭނުން ވާނެއެވެ.

