ފެނިގެންދަނީ އެމްޑީޕީން، އެ ޕާޓީއަށް ލިބިފައިވާ ސުޕަރމެޖޯރިޓީގެ ބޭނުން ނާޖާއިޒު ގޮތުގައި ކުރަން އުޅޭ މަންޒަރު ކަމަށް ރައީސް އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓަރީ އިބްރާހީމް އަބާން ޢަބްދުލްލަޠީފު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި އެމްޑީޕީގެ މެމްބަރުންގެ ވޯޓުން އެކަނި ރައީސުލްޖުމްހޫރިއްޔާ މަޤަަމުން ވަކިކުރެވޭ ގޮތަށް މަޖިލީހުގެ ޤަވާއިދަށް އިސްލާޙެއް ގެންނަން ހުށަހަޅައިފައިވާ ދަނޑިވަޅެއްގައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބާން ވިދާޅުވީ، މަޖިލީހަށް ދިވެހި ރައްޔިތުންގެ އިތުބާރެއް ނެތް ކަމަށާއި، ރައްޔިތުން އިންތިޚާބުކުރި ވެރިޔަކު، ވެރިކަން ކުރަން ފުރުޞަތުނުދީ، އަޒުލުކުރަން މަސައްކަތް ކުރުމަކީ ތަހުޒީބު މުޖުތަމަޢުތަކުން ފެނިގެންވާނެ މަންޒަރެއް ނޫން ކަމަށެވެ.

”މަޖިލީހަށް ރައްޔިތުންގެ އިތުބާރެއް ނެތް. ފެންނަނީ އެމްޑީޕީން ސުޕަމެޖޯރިޓީ ނާޖާއިޒުގޮތުގައި ބޭނުން ކުރަން އުޅޭ މަންޒަރު. ރައްޔިތުން އިންތިޚާބުކުރި ވެރިޔަކު، ވެރިކަން ކުރަން ފުރުސަތުނުދީ. އަޒުލުކުރަން މަސައްކަތް ކުރުމަކީ ތަހުޒީބު މުޖުތަމައުތަކުން ފެނިގެންވާނެ މަންޒަރެއް ނޫން.“ އަބާާން ވިދާޅުވިއެވެ.

އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން އިޞްލާޙު ހުށަހެޅީ މަޖިލީހުގެ ޖުމްލަ ޢަދަދަކީ 87 މެންބަރުންގެ ގޮތުގައި ބެލުމަކީ ޤާނޫނާ ޚިލާފު ކަމެއް ކަމަށެވެ.

އެއާއިއެކު، މަޖިލީހުގެ މިހާރު ޤާނޫނީ އަދަދަކީ 80 މެންބަރުންގެ ގޮތުގައި ކަނޑައަޅައިދިނުމަށް މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު ޝިފާޢު ވަނީ އާންމު ކޮމިޓީއަށް އިޞްލާޙެއް ހުށަހަޅުއްވައިފައެވެ.

މި އިސްލާހު ފާސްވެއްޖެ ނަމަ، އެމްޑީޕީގެ މެމްބަރުންނަށް ރައީސާއި ނައިބު ރައީސް ވެސް އަޒުލު ކުރެވޭނެއެވެ. އެކަން ކުރަން ބޭނުންވާނީ 54 މެންބަރުންގެ ވޯޓެވެ. އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގައި 56 މެންބަރުން އެބަތިއްބެވިއެވެ.