ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އޮތް ތާއީދު ނަގާލުމަށް އެމްޑީޕީ ތެރެއިން ބަޔަކު މަސައްކަތް ކުރަމުން ކަމަށް އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސް އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒެއިނާ މިހެން ވިދާޅުވެފައިވަނީ ކުރެއްވި ޓްވީޓެއްގައެވެ.
އޭނާ ވިދާޅުވީ މިވަގުތު އެމްޑީޕީއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެ ޕާޓީގައި ތިބެގެން އެމްޑީޕީ ސަރުކާރު ވައްޓާލައި އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބެމުންދާ ތާއީދު ނަގާލަން ޕާޓީ ތެރެއިން ބަޔަކު ރެޔާއި ދުވާލު ކުރަމުންދާ މަސައްކަތް ކަމަށެވެ.
އެގޮތުން އެ ފަރާތްތަކުން ރައްޔިތުންނަށް އޮޅުވާލައި ފިތުނަ އުފެއްދުމަށް އިދިކޮޅު ޕީޕީއެމަށް ވުރެ ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.
ރިޔާސީ ދެވަނަ ދައުރަކަށް ތައްޔާރަށް ހުންނެވިކަން ރައީސް ސޯލިހު އިއުލާން ކުރައްވާފައިވާއިރު ދާދިފަހުން ނަޝީދު ވަނީ ރައީސް ސޯލިހު ދެވަނަ ދައުރަކަށް ވާދަކުރެއްވުމަކީ އެމްޑީޕީ އަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވިދާޅުވެފައެވެ.
ރޮޒައިނާ މިހެން ވިދާޅުވިއިރު، އޭނާ އަކީ ރައީސް ސޯލިހުގެ ފެކްޝަން މެމްބަރެކެެވެ. އެމްޑީޕީގެ އެތެރޭގައި ދެ ފެކްޝަނެއް އުފެދިފައިވާއިރު، ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ ފަރާތްތަކުން އެދެނީ 2023 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު އެމަނިކުފާނަށް ލިބުމަށެވެ. ނަމަވެސް ރައީސް ސޯލިހު ވަނީ ދެވަނަ ދައުރަކަށް ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ.