މިހާރު ކުރަމުން އަންނަ ވިއްސާރައިގައި އައްޑޫ ސިޓީގެ 97 ގެއެއްގައި ފެން ބޮޑުވި ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.

Ads by Asuru

އެ ސިޓީއަށް މިއަދު ކުރި ވިއްސާރާގައި އެ ސިޓީގެ ފަސް ރަށެއްގެ ގެތަކަށް ފެން ވަދެ އެކި ވަރުގެ ގެއްލުންތައް ލިބިފައިވެއެވެ.

އެގޮތުން މަރަދޫ އިން 13 ގެއެއްގައި ފެން ބޮޑުވެފައިވާއިރު، މަރަދޫ ފޭދޫގެ ފަސް ގެއެއްގައި ފެން ބޮޑުވެފައިވެއެވެ. ފޭދޫގެ 60 ގެއެއްގައި ފެން ބޮޑުވެފައިވާއިރު، ހިތަދޫގެ ނުވަ ގެއެއްގެ ގޯތި ތެރޭގައި ފެން ބޮޑުވެފައިވެއެވެ.

އަދި ހުޅުދޫގެ 10 ގެއެއްގައި ފެން ބޮޑުވެފައިވާ ކަމަށް ވެސް އެންޑީއެމްއޭ އިން މައުލޫމާތުދެއެވެ.

މަރަދޫ ފޭދޫގެ އެއް ގެއަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމާއި ގުޅިގެން، އެ ގެއަށް ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެންޑީއެމްއޭ އިން ބުނެއެވެ.

މަރަދޫގައި ފެން ބޮޑުވި 13 ގެއިން ވެސް ފެން ހިއްކައި، އެ ގެތައް އާންމު ހާލަތަށް ވަނީ ރުޖޫޢަ ކޮށްފައެވެ. ކިޔަވާ ކުދިންގެ ޗުއްޓީ ދުވަސްވަރާ ދިމާކޮށް ވިއްސާރަ ކުރަމުންދާއިރު، މޫސުމަށް ސަމާލުކަން ދީގެން ދަތުރު ކުރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.