ހައްޖު ކޯޕަރޭޝަންގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ޚިދުމަތްތަކާގުޅޭ މަޢުލޫމާތު ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، މުޅި ރާއްޖޭގެ ހުރިހައި އަތޮޅަކާއި ރަށެއް ހިމެނޭގޮތަށް އެޖެންޓުން ހޯދުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ފަށައިފިއެވެ.

Ads by Asuru

މިކަން ހާމަކޮށް، ޙައްޖު ކޯޕަރޭޝަނުން ކުރި އިޢުލާނެއްގައި ބުނީ ރާއްޖޭގެ ހުރިހައި ރަށަކުންވެސް އެ ކޯޕަރޭޝަނަށް އެޖެންޓުން ބޭނުންވާ ކަމަށެވެ.

އެގޮތުން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ ޖެނުއަރީ 15 ވަނަ ދުވަހުގެ މެންދުރު 15:00 ގެ ކުރިން އެކަމަށް އެދި ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.

ޙައްޖު ކޯޕަރޭޝަނުން ބުނީ އަމިއްލަ ފަރުދުންގެ އިތުރުން މުއައްސަސާއަކުން ނުވަތަ ޖަމުޢިއްޔާއަކުންވެސް ޝަރުތު ހަމަވާނަމަ އެޖެންޓު ކަމަށް ކުރިމަތިލެވޭނެ ކަމަށެވެ.

އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމް ހުށަހަޅާނަމަ، ފުރިހަމަ ކުރެވިފައިވާ ލިޔެކިޔުންތަކާއެކު އެ ކޯޕަރޭޝަނުގެ މެއިލް އަށް ފޮނުވުމަށް އެދިފައި ވެއެވެ.

ޙައްޖު ކޯޕަރޭޝަނުން ބުނީ އެޖެންޓުކަމަށް ކުރިމަތިލާ ފަރާތުގެ ޝަރުތުތަކުގެ ތެރޭގައި އިސްލާމްދީނުގައި ހައްދެއް ކަނޑައަޅާފައިވާ ކުށެއް ނުވަތަ ވައްކަން، ޓެކުން އަދި ޚިޔާނާތް ފަދަ ކުށެއް ކޮށްފައިނުވާ ފަރާތަކަށް ވާންޖެހޭނެ ކަމަށެވެ.

ހަމަ އެހެންމެ، ޙައްޖާއި އުމްރާގެ ހިދުމަތް ފޯރުކޮށްދޭ އަމިއްލަ ޖަމާއަތެއްގެ ހިއްސާ އޮންނަ ފަރާތެއް އަދި އެފަދަ ޖަމާއަތެއްގެ މަގާމުގައި ވަޒީފާއަދާކުރާ ފަރާތެއް ކަމަށް ނުވުންވެސް ޝަރުތެއް ކަމުގައި ހިމެނެއެވެ.

މީގެ އިތުރުން މި މަޤާމަށް އެދި ހުށަހަޅާ ފަރާތަކީ ޙައްޖު ކޯޕަރޭޝަންގެ ބޯޑު މެންބަރަކަށް ނުވަތަ މުވައްޒަފެއްގެ އާއިލީ ގުޅުން ނެތް އެފަދަ ފަރާތަކާއެކު ވިޔަފާރީގެ ގުޅުމެއް ނެތް ފަރާތަކަށް ވާންޖެހޭނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

ހައްޖުކޯޕަރޭޝަނުން ބުނީ މިކަމާއި ގުޅޭ އިތުރު މައުލުމާތު ބޭނުންވާނަމަ އެ ކޯޕަރޭޝަންގެ ނަންބަރ 3011000 އަށް ގުޅައިގެން މަޢުލޫމާތު ސާފުކުރެވޭނެ ކަމަށެވެ.