ދޮގުހެދުމަކީ ނުބައި ސިފަތަކުގެ ތެރެއިން, އެންމެ ނުބައި އެއް ސިފަ ކަމަށް ބުނެ، ކަންކަމުގެ ޙަޤީޤަތް ހޯދުމަށް މިއަދު އިއްވެވި ހުކުުރު ޚުޠުބާގައި ބުނެފިއެވެ.

ޙުޠުބާގައި ބުނީ ދޮގުހެދުމަކީ ނުބައި ސިފަތަކުގެ ތެރެއިން އެންމެ ނުބައި އެއް ސިފަ ކަމަށާއި، އެ ނުބައި ޢަމަލަކީ މީސްތަކުންގެ ޙައްޤުތައް ގެއްލިގެން ދިޔުމުގެ އެއް ސަބަބު ކަމަށެވެ.

އަދި  އެއީ ރުޅިވެރިކަމާއި ޢަދާވާތްތެރިކަން ފެތުރުމުގެ ސިއްރު ކަމަށާއި، ކުށެއް ނެތް އެތައް ބައެއްގެ ރީތި ނަމާއި އަބުރު ނަގައިލުމުގައި ބޭނުންކުރެވޭ އެންމެ ނުރައްކާތެރި އެއް ހަތިޔާރުކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.

ޚުޠުބާގައި ބުނީ، ދޮގުހެކި ދިނުމަކީ މީސްތަކުންގެ ޙައްޤުތައް އޮޅުވާލައި އަފުރާދުންނާއި އުއްމަތަށް އެތައް ގެއްލުންތަކެއް ލިބޭ ކަމެއް ކަމަށެވެ.

މީގެ އިތުރުން، ދޮގު ހެދުމުގެ ބަދަލުގައި ކަމުގެ ޙަޤީޤަތް ހޯދަން ވެސް ޚުތުބާގައި ވަނީ ގޮވައިލައިފައެވެ.

”ހަޤީގަތް ހޯދާށެވެ!. (އެއީ) ނޭންގި ތިބެ. ތިޔަބައި މިހުންނަށް ބަޔަކަށް ގެއްލުން ދެވިދާނެތީއެވެ. ފަހެ، އެހެން ވެއްޖެ ނަމަ ތިޔަބައިމީހުން ކުރި ކަންތަކުގެ މައްޗަށް ހިތާމަކުރަ ބަޔަކު ކަމުގައި ތިޔަބައިމީހުން ވެދާނެއެވެ،“ ޚުޠުބާގައި ބުންޏެވެ.

ޚުޠުބާގައި ބުނީ އެ ދޮގެއްގެ ސަބަބުން މީހުންނަށް ގެއްލުން ލިބޭ ފަދަ ދޮގު ކަމަށްވާ ދޮގު ހެކި ދިނުން އިސްލާމް ދިނުގައި ބޮޑެތި ފާފަތަކުގެ ތެރޭގައި ކަނޑައަޅުއްވައިފައިވާ ކަމަށެވެ.

އަދި، ބޮޑެތި ފާފަތަކުގެ ތެރެއިން ވެސް އެންމެ ނުބައިކަން ބޮޑު ތިން ކަންތަކުގެ ތެރޭގައި ދޮގު ހެކި ދިނުން ހިމެނޭ ކަމަށް ޚުޠުބާގައި ބުންޏެވެ.