ރާއްޖެއަކީ މަދިރި އާލާ ވުމުގެ ފުރުޞަތު އޮންނަ ޤައުމަކުންވާއިރު، މަދިރިން ރައްކާތެރިވުމަށް ފަރުދީ ފެންވަރުގައި ކުރެވެން ހުރި ކަންކަން ކުރުމަށް ހެލްތު މިނިސްޓަރު ޑރ.ޚަލީލު އިލްތިމާސް ކުރައްވައިފިއެވެ.
މިނިސްޓަރު މިކަމަށް އިލްތިމާސް ކުރައްވައިފައި ވަނީ އާބަންކޯ އިން ”މަދިރިން ރައްކާ“ މި ނަމުގައި ފެށި ޤައުމީ ހަރަކާާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މަދިރި ނައްތައިލުމުގެ މުހިންމުކަން ފާހަގަކުރައްވައި މިނިސްޓަރު ޚަލީލު ވިދާޅުވީ، ޑެންގޫ އާއި ޗިކުންގުންޔާ ފަދަ ބަލިތައް ވެސް ފެތުރިގެންދަނީ، މަދިރީގެ ސަބަބުން ކަމަށެވެ.
ޑެންގޫ ހުމުގެ ސަބަބުން ބައެއް ޙާލަތްތަކުގައި ފުރާނައަށް ވެސް ނުރައްކާ ވެގެންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެހެންވެ، މަދިރިން ރައްކާތެރިވުމުގެ މުހިންމުކަން އެކަމުން ވެސް ހާމަ ވެގެންދާ ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.
މެލޭރިއާ އަދި ފައިލޭރިއާ ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މީގެ ކުރިން ރާއްޖެއިން ނައްތައިލެވިފައިވާއިރު، އެކަން އެގޮތަށް އެދުމަކީ އަބަދުވެސް ބޭނުންވެލައްވާ ގޮތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
”އެ ބަލިތައް ނައްތާލުމުގެ ސަބަބުން، ޞިއްޙީ، ޤައުމީ، އަދި އޭގެ އިތުރުން ބައިނަލްއަޤްވާމީ އިދާރާތަކުން ރާއްޖެއަށް ޚާއްޞަ ނަޒަރިއްޔާތަކުން ބަލާކަން އަޅުގަނޑު މި ފުރުޞަތުގައި ހަމަ ފާހަގަ ކުރަން.“ ޑރ.ޚަލީލު ވިދާޅުވިއެވެ.
ހެލްތު މިނިސްޓަރު އިތުރަށް ވިދާޅުވީ، މަދިރި ނައްތާލުމަށްޓަކައި ފަރުދީ ފެންވަރުގައި ކުރެވެން ހުރި ހުރިހައި ކަމެއް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، މަދިރީގެ އިތުރުން އެހެނިހެން ސޫފާސޫފި ނައްތައިލައި، ސާފުތާހިރު ކަމަށް އިސްކަން ދިނުމަކީ ދުޅަހެޔޮ ކަމަށްޓަކައި ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ.