ދިވެހިރާއްޖޭގެ ޒަކާތު ހައުސް މިއަދު އިފްތިތާޙު ކޮށްފިއެވެ.

Ads by Asuru

ޒަކާތު ހައުސް އުފެއްދުމަކީ މި ސަރުކާރުގެ އެންމެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނޭ ވަޢުދެކެވެ.

އިސްލާމީ މަރުކަޒުގެ ހޯލުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ޒަކާތު ހައުސް އިފްތިތާޙު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ.

ޒަކާތު ހައުސް އިފްތިތާޙު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ރައީީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް ވިދާޅުވީ، ރާއްޖެއަށް އަހަރަކު ޒަކާތުގެ ގޮތުގައި ލިބެނީ 90 މިލިއަނެއްހައި ރުފިޔާ ކަމަށާއި، ޒަކާތު ހައުސްއާއިއެކު، ޒަކާތް ހޯދުމުގެ މަސައްކަތް މެދުމިނަކަށް އިތުރު ކުރެވުނަސް، އެ އަދަދު 200 ނުވަތަ އެއަށްވުރެވެސް ގިނަ މިންވަރަކަށް އިތުރު ކުރެވިގެންދާނެ ކަމަށް އަންދާޒާ ކުރެވިފައިވާ ކަމަށެވެ.

”އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއިއެކު މިއަދު ފެށިގެން މިދާ މަސައްކަތަކީ ދިވެހިރާއްޖޭގެ ޒަކާތުގެ މުއައްސަސާ ހަރުދަނާ ގޮތެއްގައި ޤާއިމު ކުރެވި، އާ ހަރުފަތަކަށް ގެންގޮސް، އޭގެ އެންމެ އުހަށް ބިނާ ކުރުމުގެ މުހިންމު މަސައްކަތްޕުޅު.“ އޭނާ ވިދާޅުވިއެވެ.

ފިރުޒުލްގެ ވާހަކައިގައި އިސްލާމްދީނުގައި ޒަކާާތް ދިނުމަށް އަންގަވައިފައިވާ ސަބަބުތަކަށް، އެކަން އޮންނަ ގޮތަށް ކުރާނަމަ، އިސްލާމީ އުއްމަތަކަށް ލިބިގެންދާނެ ފުދުންތެރިކަމާއި ތަނަވަސްކަމުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ.

ޒަކާތު ހައުސްގެ މަޤްޞަދަކީ ޒަކާތު ފަންޑު ތަރައްޤީކޮށް، ޒަކާތުން ބައެއް ޝަރީޢާ ހުއްދަ ކުރާ ދާއިރާތަކުގައި އިންވެސްޓުކޮށް، ޒަކާތު ފަންޑު އިތުރުކޮށް، އޭގެ ނަފާ، ބެހެނިވެރީންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތް ހެދުމެވެ.