މިފްކޯގެ އިސްވެރިންގެ މުސާރަ ކުޑަކުރުމަށާއި ޕާފޯމަންސް ދަށް މުވައްޒަފުން ވަޒީފާ އިން ވަކިކުރުން ފަދަ، ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމައިފިއެވެ.

މިފްކޯގެ ސީއެފްއޯ އިލްޔާސް ހަނީފް ސޮއިކުރައްވައި، ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ވަނީ މިކަމާ ގުޅޭ މެމޯއެއް، މިދިޔަ ބުރާސްފަތި ދުވަހު ފޮނުވައިފައެވެ.

މެމޯގައި ބުނީ ފިނޭންސް މިނިސްޓްރީއާއި ފިޝަރީޒް މިނިސްޓްރީ އަދި މިފްކޯ ގުޅިގެން އެ ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ކުރިއަށްގެންދާ ”މިފްކޯ އެފިޝަންސީ އެކްސަސައިޒް“ގެ ދަށުން ބައެއް ފިޔަވަޅުތައް އަޅަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މިދިޔަ ބުދަ ދުވަހު ނިންމާފައިވާ ކަމަށެވެ.

 

މިފްކޯގެ ބޯޑުން އަޅަން ނިންމި ފިޔަވަޅުތަކުގެ ތެރޭގައި ކުންފުނީގެ ސީއީއޯ އިން ފެށިގެން ސީނިއާ މެނޭޖަރު ރޭންކުގައި ތިބި ފަރާތްތަކުގެ އަސާސީ މުސާރައިން 20 ޕަސެންޓް ކުޑަކުރުމާއި، މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑުގައި ހުރި ފަރަގުތައް ކުޑަކުރުމަށްޓަކައި އޮނިގަނޑަށް ހާމަނައިޒް ކުރުމާއި، މަސައްކަތުގެ ޕާފޯމަންސްއަށް ބަލާ ވަޒީފާ އިން ވަކިކުރަންޖެހޭ މުވައްޒަފުން ވަކިކުރުމާއި، ޕްރޮބޭޝަންގައި ތިބި މުވައްޒަފުންގެ ތެރެއިން ކޮންމެހެން ކުންފުންޏަށް ބޭނުންވާ މުވައްޒަފުން ފިޔަވާ އެހެން މީހުން ވަކިކުރުމާއި، 65 އަހަރުވުމަށް ފަހު ކޮންޓްރެކްޓް މުވައްޒަފުންގެ ގޮތުގައި ތިބި މުވައްޒަފުންނަށް ތިން މަހުގެ ނޯޓިސް ދިނުމަށްފަހު ވަކިކުރުމާއި ހާއްސަ ހާލަތްތަކުގައި މެނުވީ ކޮންޓްރެކްޓް މުވައްޒަފުން ނުނެގުން ހިމެނެއެވެ.

އަދި އެލަވަންސް ދިނުމުގެ އުސޫލަށް އިސްލާހު ގެނައުމަށްޓަކައި ޑެޕިއުޓީ ހެޑް އެލަވަންސާއި އިންޖީނިއަރިން އެލަވަންސާއި ކޭން ޕްރޮޑަކްޝަން އެލަވަންސާއި ރިސްކް އެލަވަންސް އަދި ނޮން ޕްރެކްޓިސް އެލަވަންސް ދިނުން ހުއްޓާލުމާއި، ވިލިމާލެ ފެރީ އެލަވަންސް ފިޔަވައި އެހެން ހުރިހާ ފެރީ އެލަވަންސްތަކެއް ދިނުން ހުއްޓާލުން ހިމެނެއެވެ.

މީގެ އިތުރުން ޕްރޮފެޝަނަލް އެލަވަންސް އެމްކިޔުއޭ ލެވެލް 5 އިން ފެށިގެން މަތީގެ ސެޓްފިކެޓްތަކަށް ދިނުމާއި، ކޮންޓްރެކްޓް މުވައްޒަފުންގެ ތެރެއިން ކުންފުންޏަށް ކޮންމެހެން ބޭނުންވާ މުވައްޒަފުން ފިޔަވައި އެހެން މީހުންގެ ކޮންޓްރެކްޓް މި މަހުގެ ފަހުން އާ ނުކުރުން ވެސް ހިމެނެއެވެ.

މިފްކޯގެ މީޑިއާ އޮފިޝަލް އިބްރާހިމް ސައީދު (ކޭޑް) ރޭ މީޑިއާތަކަށް ވިދާޅުވީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ކުންފުނީގެ މައްސަލަތައް ދެނެގަނެ އިސްރާފު ކުޑަކުރުމަށް ހެޔޮ ބަދަލުތަކެއް ގެންނަމުންދާ ކަމަށެވެ.

މި ބަދަލުތަކުގެ ސަބަބުން އެއްވެސް އާދައިގެ މުވައްޒަފެއްގެ މުސާރައިން އުނިކުރުމެއް ނެތް ކަމަށާއި، އެކަން ކުރަނީ ޖެނެރަލް މެނޭޖަރާއި ސީނިއާ މެނޭޖުމަންޓް ލެވަލް އިންކަން ކޭޑް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ މިކަމުގައި ޝަކުވާއެއް އޮތަސް އޮންނާނީ އެ ލެވެލްގައި ކަމަށާއި، މިކަމުގައި އެއްވެސް އޮޅުވާލުމެއް އެ ކުންފުނިން ނުގެންގުޅޭނެ ކަމަށެވެ.