ވަޒީރުންނަށް ރުހުން ނުދީ، ރައްޔިތުންގެ ކުރިމަތީގައި މަޖިލީހުގެ ނަން ހަޑިކޮށްލާފައިވާ ކަމަށް ނައިބު ރައީސް ޙުސެއިން މުޙައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
ނައިބު ރައިސް މިހެން ވިދާޅުވެފައި މިވަނީ ކުރިއަށް އޮތް މޭޔަރު އިންތިޚާބުގައި ވާދަކުރައްވާ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް، އައިޝަތު ޢާޒިމާ ޝަކޫރުގެ ކެމްޕޭނު އިވެންޓެއްގައި ރޭ ދެއްކެވި ވާހަކަފުޅުގައެވެ.
ވަޒީރުންނަށް ރުހުން ނުދީ ހިފަހައްޓަނީ ދުސްތޫރީ ނިޒާމު ގަޑުބަޑުކޮށްލުމަށްކަމަށާއި އެއްވެސް ސަރުކާރަކުން ނުވަތަ މަޖިލީހަކުން އެއްވެސް އިރެއްގައި ދައުލަތުގެ ވަޒީރުންނަށް، ފުރަތަމަ ފަހަރަށް ރުހުން ނުދީ ހިފަހައްޓާފައި ނެތްކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
އަދި މިކަމުން ދޭހަކޮށްދެނީ ދިވެހި ރައްޔިތުންގެ ކުރިމަތީ ތާރީހުގެ ތެރޭގައި އެބޭފުޅުންގެ ނަން ހަޑިކޮށްލާފައިވާކަން ކަމަށް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
ނައިބު ރައީސް ވިދާޅުވީ ސަރުކާރުގެ ތަރައްގީ ޕްލޭންތަކުގެ ވިސްނުމާ ދެކޮޅު ހަދާ ބަޔަކަށް ފުރުސަތު ދެވިއްޖެނަމަ ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަށް ކުރާ މަސައްކަތްތައް ފަހަތަށް ސޮއްސާލާނެ ކަމަށެވެ.
އަދި މާލެ ސިޓީއަށް މޭޔަރަކު ހޮވާއިރު މާލޭގެ ރައްޔިތުން އެފަދަ ބޭފުޅަކު ނުހޮވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.
ވަޒީރުންނަށް ރުހުން ނުދީ މަޖިލިސް ޗުއްޓީ އަށް ގޮސްފައިވާއިރު، މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ވަނީ ހުރިހައި ވަޒީރުންނަށް ރުހުން ދޭން ފާސްކޮށްފައެވެ.