ބައިނަލްއަޤްވާމީ ފައިނޭންޝަލް ސެންޓަރެއްގެ ގޮތުގައި ކ.ފުނަދޫ ތަރައްޤީ ކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމާއި އިކޮނޮމިކް ޒޯން ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢު އިފުތިތާޙް ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ ކ.ފުނަދޫގައި މިހާރު ހުރި ތެޔޮ ރައްކާކުރުމުގެ ޚިދުމަތްތައް އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށައި ދޮޅު އަހަރާއި ދެ އަހަރާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި އެ މަސައްކަތް މުޅިން ނިންމެވުމަށް ރާވާފައިވާކަމުގައެވެ.
އަދި އެއާއެކު އެރަށް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރެވި އެރަށާއި އެއަރޕޯޓާ ދެމެދުގައާއި، އަދި އެރަށާއި މާލެއާ ދެމެދު ބުރިޖުން ގުޅުވާލައި، ފަސޭހަކަމާ އެކީގައި ފަސިންޖަރުން، ކަސްޓަމަރުން، އަދި މުވައްޒަފުންނަށް ދަތުރުކުރެވޭފަދަ ނިޒާމެއް ޤާއިމް ކުރެވިގެންދާނެކަމުގައި ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ”މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ“ގެ ނަމުގައި އާ އިދާރާއެއް ޤާއިމުކުރުމަށް ވަޒީރުންގެ މަޖިލީހަށް ފޮނުވުމަށް ހަމަޖެހިފައިވާކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ މި އިދާރާ ވެގެންދާނީ، އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު ރާއްޖޭގައި ޤާއިމު ކުރުމުގެ މަގު ފަހިކުރުމުގެ ފުރަތަމަ ފިޔަވަޅު ކަމުގައެވެ.
އަދި މިކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައްވެސް އެމް.އެމް.އޭ.އާއި، ކަމާބެހޭ އެހެން ފަރާތްތަކާ ގުޅިގެން ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، ގުޅީފަޅުގައި ޤާއިމުކުރުމަށް މީގެކުރިން ހަމަޖެހިފައިވާ ޕޯޓް ތިލަފުއްޓަށް ބަދަލުކޮށް އެޕޯޓު، ބައިނަލްއަޤްވާމީ ފެންވަރުގެ ފުރިހަމަ ވިޔަފާރި ބަނދަރެއްގެ ގޮތުގައި ތަރައްޤީކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ޖަލްސާގައި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފާއި ދައުލަތުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.