އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫއާ ދެމެދު އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ބްރިޖުގެ މަޝްރޫޢުގެ ފީސިބިލިޓީ އާއި ޑިޒައިން މަސައްކަތް ވަރަށް އަވަހަށް ބަޔަކާ ޙަވާލު ކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީީސް މިހެން ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޚިދުމަތް ފުޅާ ކުރުމުގެ ބިޔަ މަޝްރޫޢު އިފްތިތާޙު ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރުގެ އޮތީ މުޅި ރާއްޖެ ތަރައްގީ ކުރުމުގެ ޕްލޭނެއް ކަމަށާއި، އެންމެ އުތުރާއި މެދުރާއްޖެތެރެ އާއި ދެކުނު ވެސް ތަރައްޤީ ކުރައްވާނެ ކަމަށެވެ.

ދެކުނަށް ބަލާ އިރު، އައްޑޫ ސިޓީގައި ކުރަން ނިންމާފައި ހުރި ކަންކަމަކީ ކުރަން ބޭނުންވެގެން ރައްޔިތުން އެދިފައިވާ ކަންކަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

”އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އައްޑޫގައި އެ ބްރިޖް އެޅުމުގެ މަސައްކަތަށް ބޭނުންވާ ފަންނީ އަދި ތަފްސީލީ ފީޒިބިލިޓީއާއި ޑިޒައިން މަސައްކަތް އަޅުގަނޑުމެން ބަޔަކާ ހަވާލުކުރާނަން. އޭރުން އެ ބްރިޖްގެ އަގު ކުރުމަށްޓަކައި ކޮންޓްރެކްޓެއް ހޯދައި، މަސައްކަތް ހަވާލުކުރުމަށްޓަކައި ނިންމަންޖެހޭ ހުރިހާ ލިޔެކިޔުމެއް އެ މަސައްކަތުން ފަހިވެގެން އެބަދޭ. ފުރިހަމަ ވެގެންދާނެ. އެހެންވީމާ، އެ މަސައްކަތްވެސް ވަރަށް އަވަހަށް ހަވާލު އެބަކުރެވޭ.“ ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި އިންފްރާސްޓްރަކްޗާގެ ދާއިރާ އިން އެހެނިހެން ސަރަހައްދުތަކުގައި ވެސް ކުރަން ނިންމާފައިވާ ކަންކަން ވަރަށް ބާރު ސްޕީޑްގައި ކުރިއަށް ދެއެވެ.

އެކަމުގެ ފުރަތަމަ މަރުޙަލާގެ ކަންކަން ހިނގަމުން އަންނަ ކަމަށް ވެސް ރައީސް މުޢިޢްޒު ވިދާޅުވިއެވެ.