ޒިންމާ އަދާކުރެއްވުމުގައި، އެކަމަނާ އަކީ މަޑުން ހުންނަ މީހެއް ނޫން ކަމަށް މާލެ ސިޓީގެ މޭޔަރު ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޓިކެޓުގައި ވާދަ ކުރައްވަވާ ޢައިޝަތު ޢާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

Ads by Asuru

ޢާޒިމާ މިހެން ވިދާޅުވީ މާލޭގެ މޭޔަރު ހޮވުމަށް މި މަހު ބާއްވާ އިންތިޚާބުގައި ވާދަ ކުރައްވަވާ ކެންޑިޑޭޓުންގެ މެދުގައި، ސަންގު ޓީވީން ގެނެސްދިން ބަހުސްގައި ދެއްކެވި ވާހަކައިގައެވެ.

ޢާޒިމާގެ ވާހަކައިގައި އެކަމަނާ އަކީ ”ސަރުކާރު ކެންޑިޑޭޓް“ކަން ފާހަގަކުރައްވައި، ސަރުކާރު ކެންޑިޑޭޓަށްވުމުން، މިހާރު ވެސް ބައެއް މަސައްކަތްތައް ކުރެވިފައިވާ ކަމަށް ވިދާޅުވެ، ބައެއް ކަންކަމަށް އަލިއަޅުވައިލެއްވިއެވެ. އެގޮތުން މާލޭގައި ކުޅިވަރު ކުޅޭ މީހުންގެ ޝަކުވާތައް ސްޕޯޓްސް މިނިސްޓަރަށް ހުށަހަޅުއްވައި، އެކަމަށް ޙައްލު ގެނައުމަށް މަޝްވަރާކުރެވުނުކަން ފާހަގަކުރެއްވިއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ވަޑައިގެން، އެތަނުގެ މަސްވެރިންގެ ޝަކުވާތައް އަޑު އައްސަވައި، ފިޝަރީީޒް މިނިސްޓަރަށް ހުށަހެޅުއްވުމުން، ދެވަނަ ފިޔަވަހީގެ މަސްވެރިންނަށް ދަތިވާ ކަންކަން ޙައްލު ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ފިޝަރީީޒް މިނިސްޓަރު ދެއްވި ކަމަށް ވިދާޅުވިއެވެ.

”(މަސްވެރިންނަށް) ދަތިވާ ކަންތައްތަކުގެ ތެރޭގައި، މަސްވެރިން ބާނާ މަސް ވިއްކާނެ ތަނެއް ނެތުން، ހުޅުމާލެ ފޭސް1ގަ ހުރި މަސް މާރުކޭޓަށް އެ މީހުންގެ މަސް ނުގެންދެވުން. އަދި އެ މީހުންނަށް އެތަނަށް ފެން ގެނެވޭނެ ގޮތެއް ނެތުން.“ ޢާޒިމާ ވިދާޅުވިއެވެ.

ސަރުކާރު ކެންޑިޑޭޓަށް ވުމުން، އެކަމަނާ އެއްވެސް ކަމަކަށް އަޅައިނުލައްވާނެ ކަމަށް ވާދަވެރިންނަށް ބުނެވިދާނެ ކަމަށާއި، ނަމަވެސް އެކަމަނާ އެގޮތަށް ކަންކަން ދޫނުކުރައްވަވާނެކަން ދަންނަ އެންމެންނަށް ވެސް އެނގޭނެ ކަމަށް ޢާޒިމާ ފާހަގަކުރެއްވިއެވެ.

”އެއްވެސް ކަމެއްގަ އަޅުގަނޑަކީ މަޑު މަޑުން ހުންނަ މީހެއް ނޫން. އަދި އަމުދުން، ޒިންމާ އަދާ ކުރުމުގަ އަޅުގަނޑަކީ މަޑުމަޑުން ހުންނަ މީހެއް ނޫން.“ ޢާޒިމާ އިތުރަށް ވިދާޅުވިއެވެ.

ޢާޒިމާ އިތުރަށް ވިދާޅުވީ، އެކަމަނާ އަށް އެނގިވަޑައިގަންނަވަނީ ޤާނޫނު ހަދަން އެކަނި ނޫން ކަމަށާއި، ތަންތަނަށް ޒިޔާރަތް ކުރައްވަވައި، ކަންކަން ބައްލަވަން ވެސް ކެރިވަޑައިގަންނަވާނެ ކަމަށެވެ.