ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތަށް ދޫދިނުމެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް މިފަދައިން ވިދާޅުވީ، ހުސްވެފައިވާ މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ޢައިޝަތު ޢާޒިމާ ޝަކޫރުގެ މެނިފެސްޓޯ ލޯންޗުކުރަން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭލުމަށްޓަކާ ފެށި މަސައްކަތް އެއްވާނެއްގައި ހުއްޓައިނުލާ ކުރިއަށްދާ ކަމަށެވެ.

”މިތަނުގައި ތިބި ބޭރުގެ ސިފައިން ބޭލުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ވެސް ފުރަތަމަ ދުވަހު ފެށި ގޮތަށް އެއްވާނެއްގައި މި ދަނީ ކުރިއަށް. އެންމެ ތަންކޮޅެއް ވެސް ދޫކޮށް ނުލާ،“ ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ބޭރުގެ ނޫސްތަކުގައި އެކި ފާޑުގެ ސުރުޚީތައް ލިޔަނީ އެހެންވެ ކަމަށާއި އެހެން ނޫންނަމަ އެފަދަ އެއްޗެހި ލިޔަންވީ ސަބަބެއް ނެތް ކަމަށެވެ.

އެމަނިކުފާނު ވަނީ ވައުދު ފުއްދުން ނޫން ކަމެއް ސަރުކާރުގައި ނެތް ކަމަށް ވިދާޅުވެފައެވެ.

މާލޭގެ ރައްޔިތުން ކުރަންވީ ކަމަކީ މި މަހުގެ 13 ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި ސަރުކާރަށް ފަސޭހަކަމާއެކު ކަންކަން ކުރެވޭނެ މަގުފަހިކޮށްދިނުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އިންޑިއާ ސިފައިން ފޮނުވާލުމުގައި ކުރިއެރުންތަކެއް ލިބުނަސް ސިފައިން ފޮނުވާލުމަކީ އުނދަގޫ ކަމެއް ކަމަށް އަބަދުވެސް ދެކޭ ކަމަށް ސަރުކާރުން ބުނެއެވެ.