މާލެއާއި ހުޅުލެ ގުޅުވައިލައި، ސިނާމާލެ ބްރިޖު އެޅި ކުންފުނި، ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަންސް ކޮމްޕެނީ ލިމިޓެޑް(ސީސީސީސީ)ގެ އިސް ބޭފުޅުންނާއި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބައްދަލު ކުރައްވަވައިފިއެވެ.

Ads by Asuru

ރައީސް ސީސީސީސީގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވައިފައި މިވަނީ، ރައީީސްގެ ދެކަނބަލުން، ސަރުކާރުގެ އިސް ވަފުދަކާއިއެކު، ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދަޢުވަތަކަށް އެ ޤައުމަށް ކުރައްވަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.

ިމި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެވުނު ކަންކަމުގެ ތަފްޞީލެއް ރައީީސް އޮފީހުން އަދި ހާމަ ކުރައްވައިފައެއް ނުވެއެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަކީ ޗައިނާ ސަރުކާރުގެ އެހީތެރިކަމާއިއެކު ރާއްޖޭގައި ހިންގި އެންމެ ބޮޑު އެއް މަޝްރޫޢުއެވެ.

2018 ވަނަ އަހަރު ނިންމައިލި މި މަޝްރޫޢުގެ ކަންކަން ގާތުން ބެއްލެވީ، ރައީސް ޑރ.މުޙައްމަދު މުޢިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނަވައިގެންނެވެ.

ވެރިކަމުގެ ހުވައި ކުރެއްވުމަށްފަހު، ރައީީސް މުޢިއްޒު އެންމެ ފުރަތަމަ ދަތުރުފުޅު ކުރައްވައިފައިވަނީ ތުރުކީއަށެވެ. ނަމަވެސް އެއީ ރަސްމީ ދަތުރުފުޅެކެވެ. އެމަނިކުފާނުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ޗައިނާއަށް ކުރައްވާއިރު، މިއީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއް ކަމުގައި ބެލެވެއެވެ.

ރައީސް އޮފީހުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ރަސްމީ ވާހަކަފުޅުތައް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

އަދި ދެ ޤައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުން ބަދަލުކުރުމަށްވެސް ހަމަޖެހިފައިވެއެވެ.

އެގޮތުން ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާއި، ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމާއި، އިޖުތިމާއީ، އިޤުތިޞާދީ އަދި ޓެކްނޮލޮޖީގެ އިތުރުންވެސް އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން ހިމެނެއެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޗައިނާގެ ބައެއް ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އިޖުތިމާއީ އަދި އިޤުތިޞާދީ ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.