ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، އެ ޤައުމުގައި އިއްޔެ ބޭއްވި އިންވެސްޓްމަންޓް ފޯރަމް ވެގެންދިޔައީ ރާއްޖޭގެ ތަރައްޤީ އިތުރު ހަރުފަތަކަށް ގެންދިޔުމަށް ތަނަވަސްވި މަގަކަށް ކަމުގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

މިނިސްޓަރު ސަޢީދު މިހެން ވިދާޅުވެފައި ވަނީ، އެކްސްގައި ކުރައްވައިފައިވާ ޕޯސްޓެއްގައެވެ. ސަޢީދު ވެސް މި ފޯރަމްގައި ބައިވެރިވެވަޑައިގެންނެވިއެވެ.

”އިންވެސްޓް މޯލްޑިވްސް“ގެ ނަމުގައި، މި އިންވެސްޓްމަންޓް ފޯރަމް ބާއްވާފައި ވަނީ، ޗައިނާގެ ފޫ ޖޮއު ސްޓްރެއިޓް އިންޓަރނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގައެވެ.

މި ފޯރަމްގައި ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު ޗައިނާއަށް ކުރައްވާ މި ދަތުރުފުޅަކީ އެމަނިކުފާނު ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅުކަން ފާހަގަކުރެއްވިއެވެ.

މި ދަތުރުފުޅުގެ މުހިންމުކަމުގެ މައްޗަށް ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވައކލެއްވިއެވެ.

މި ފޯރަމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ޗައިނާއާ ޤައުމުގެ ސަރުކާރާއި އަދި ދެ ޤައުމު ހިއްސާވާ ވިޔަފާރިތަކާ ދެމެދު އޮންނަ ޒަމާންވީ ގާތްގުޅުން ފާހަގަކުރައްވައި މި ފޯރަމުގައިވެސް ދިވެހިރާއްޖެއާއި ޗައިނާގެ ގިނަ ވިޔަފާރިތަކެއް ތަމްސީލު ވެގެންދާކަން އުފަލާއެކު ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގެ މައި އެއަރޕޯޓާއި ވިޔަފާރި ބަނދަރު ތަރައްޤީކުރުމަށް ރައީސް މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ތަސައްވުރެ ހާމަކުރައްވަމުން، އެ މަޝްރޫޢުތައް ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްއާ ގުޅިގެން ކުރިޔަށްގެންދެވޭނެ ގޮތްތައް ހޯއްދެވުމަށް ޝައުޤުވެރިކަން އެމަނިކުފާނު ފާޅުކުރެއްވިއެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު ސޮއިކޮށްފައިވާ ފްރީ ޓްރޭޓް އެގްރިމެންޓުގެ މައްޗައް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ދެޤައުމުގެ ދެމެދު ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުވެގެންދާނެކަމަށާއި، އަދި ޚާއްޞަކޮށް ރާއްޖެއިން މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓްކުރާ މިންވަރު އިތުރުވެގެންދާނެކަމަށެވެ.

ޗައިނާ އަކީ ރާއްޖޭގެ ތަރައްޤީގެ ވަރަށް މުހިންމު ބައިވެރިއެއްކަން ވެސް، ރައީސް މުޢިއްޒު ވަނީ ފާހަގަކުރައްވައިފައެވެ.