ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ބައްދަލު ކުރައްވައިފިއެވެ.

Ads by Asuru

ރައީސް މުޢިއްޒު، ޗައިނާގެ ރައީީސް ޝީ އާ ބައްދަލު ކުރައްވައިފައި ވަނީ، އެ ޗައިނާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސްގެ ދެކަނބަލުން ޗައިނާގެ ވެރިރަށް ބެއިޖިންގގައި ހުންނަ ގްރޭޓް ހޯލް އޮފް ދަ ޕީޕަލްއަށް ވަޑައިގަތުމުން، ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދެކަނބަލުން ވަނީ ރަތްދޫލައިގެ ހޫނު މަރުޚަބާއެއް ދަންނަވާފައެވެ.

އަދި ދެ ޤައުމުގެ ޤައުމީ ސަލާމް ކުޅެފައިވެއެވެ.

ރައީސް ޑރ. މުޢިއްޒުގެ ޝަރަފުގައި ބޭއްވި އޮނަގާޑެއް އެމަނިކުފާނު އިންސްޕެކްޓްކޮށްދެއްވިއެވެ.

މި ދަތުރުފުޅުގެ ތެރެއިން ރާއްޖެއާއި ޗައިނާއާދެމެދު ބާއްވާ ރަސްމީ މަޝްވަރާތައް މިއަދު ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު، ދެ ޤައުމުގެ ދެމެދު މުހިންމު އެއްބަސްވުންތަކެއް ބަދަލުކުރުންވެސް އޮންނާނެއެވެ.

އެގޮތުން ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާއި، ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމާއި، އިޖުތިމާއީ، އިޤުތިޞާދީ އަދި ޓެކްނޮލޮޖީގެ އިތުރުންވެސް އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތައް މީގެ ތެރޭގައި ހިމެނެއެވެ.

ރައީީސްގެ ދެކަނބަލުން ޗައިނާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއްވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް ކުރައްވަމުން ގެންދަވާ މިދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.