ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ބެއިޖިންގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

Ads by Asuru

މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއިން ބޭރުގައި ތިއްބަވައިގެން ދިވެހީންނާ ބައްދަލުކުރެއްވުމުގެ އުފަލެއް ލިބުމަކީ އުފާކުރައްވާ ކަމެއްކަމުގައި ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ ރާއްޖެއިން ބޭރުގައި ދިރިއުޅުއްވަމުން ގެންދަވާއިރު، އެކުދިންގެ ތަޖުރިބާއާއި ގޮންޖެހުންތަކާ ބެހޭގޮތުން މަޢުލޫމާތު ހޯއްދަވައިފައެވެ.

އަދި ބޭރު ޤައުމުތަކުގައި މަތީ ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތުތަކުގެ ބޭނުން ހިފުމުގެ މުހިންމުކަމުގެ މައްޗަށް ރައީސް އަލިއަޅުވާލެއްވިއެވެ.

އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ވެސް ރައީސް ވަނީ ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅަކީ، ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.