މާލެ ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކޮށްދިނުމުގައި، އެމަނިކުފާނަށް ފުރިހަމަ އެހީތެރިކަން ދެއްވާނެ، ޕީއެންސީގެ ކެންޑިޑޭޓް ޢައިޝަތު ޢާޒިމާ ޝަކޫރު، މާލެ ސިޓީގެ މޭޔަރު ކަމަށް ހޮއްވަވައި ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފިއެވެ.
ރައީީސް މިގޮތަށް އިލްތިމާސް ކުރެއްވީ މާލޭގެ އައު މޭޔަރު ހޮވަން، މާދަމާ ބާއްވާ ބައި-އިލެކްޝަނާ ގުޅޭގޮތުން ދެއްވި ވީޑިއޯ މެސެޖުގައެވެ.
ރައީީސް މުޢިއްޒު ވިދާޅުވީ ކުރިން އެމަނިކުފާނު މާލޭގެ މޭޔަރު ކަމުގައި ހުންނެވިއިރު، ކުރައްވަން ފުރުޞަތު ލިބިވަޑައިނުގެންނެވި އެތައް ކަމެއް ކުރުމަށް އެމަނިކުފާނުގެ ސަރުކާރުން މާލެ ސިޓީ ކައުންސިލަށް މިހާރު ފުރުޞަތު ދެއްވައިފައިވާ ކަމަށެވެ.
މަގު ހެދުމާއި، ޕާކިން އިމާރަތްތަކާއި ހައުސިން މަޝްރޫޢުތައް ހިންގުން ވެސް އޭގެތެރޭގައި ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ސަރުކާރާ ދެކޮޅު ވިސްނުމެއްގެ ސިޔާސަތެއް ގެންގުޅޭ ޕާޓީއަކުން ބޭފުޅަކު މޭޔަރު ކަމަށް ހޮވިއްޖެނަމަ، މާޒީގައި ފެނުނު ކަހަލަ ހިތި ތަޖުރިބާތަކެއް ތަކުރާރު ކުރަން ޖެހިދާނެތީ ކަންބޮޑުވެލައްވާ ކަމަށެވެ.
އެހެންވެ، މޭޔަރު ހޮވަން ބާއްވާ އިންތިޚާބުގައި ރައްޔިތުން ރިސްކެއް ނުނަގާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
”އަޅުގަނޑު އުއްމީދު ކުރަން މާދަމާގެ އިންތިޚާބުގައި، މާލޭގެ ރައްޔިތުން އެކަހަލަ ރިސްކެއް ނުނަންގަވާނެ ކަމަށް. މާލޭގެ ތަރައްޤީއަށްޓަކައި، ރައްޔިތުން އެދިވަޑައިގަންނަވާ އެންމެ މުހިންމު ކަންކަން، ސަރުކާރާ ގުޅިގެން، ރައްޔިތުންނާއި އެކީގައި، ސަރުކާރާއި ރައްޔިތުންނާއި ދޭތެރޭގައި މެދުވެރިއަކަށްވާ، ރައްޔިތުންގެ ފަރާތުން ހުންނަ މޭޔަރަކު ހޮވުމުގަ، މާލޭގެ ރައްޔިތުން މާދަމާ ސަރުކާރަށް ތާއީދު ކުރައްވާ، ސަރުކާރާ ގުޅިގެން ތަންފީޒު ކޮށްދޭ މޭޔަރަކު ހޮވާނެ ކަމަށް.(ޔަޤީންކުރަން)“ ރައީީސް ދެއްވި މެސެޖުގައިވެއެވެ.
ރައީސް ވިދާޅުވީ ޢާޒިމާ އަކީ ރައްޔިތުންގެ އިޙްސާސްތަކާއި އެކީގައި، ރައްޔިތުން އެދޭ ގޮތަށް، ސަރުކާރާއި އެކުގައި، ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ކަންކަންކަމުގައި ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ބޭފުޅެއް ކަމަށެވެ.
މާލެ ސިޓީގެ މޭޔަރާއި، މާލެ ސިޓީ ކައުންސިލުން ހުސްވި އިތުރު ތިން ދާއިރާގެ ބައި-އިލެކްޝަން މާދަމާ ބާއްވާއިރު، މި އިންތިޚާބުގައި ސަރުކާރު ކެންޑިޑޭޓުން ހޮވުމަކީ މާލޭގެ މެނިފެސްޓޯ ތަންފީޒު ކުރުމަށް، ކޮންމެހެން ބޭނުންތެރި ކަމެއްކަން ރައީސް ކުރިން ވެސް ފާހަގަކުރައްވައިފައިވެއެވެ.