ދިވެހިރާއްޖެ ކުޑަވުމަކީ ރާއްޖެއަށް ”ބުލީ“ ނުވަތަ ގަނާ ކުރަން ބަޔަކަށް ލިބޭ ލައިސަންސެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

އިނގެރޭސި ބަހުން ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ އިއްޔެ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

”އަޅުގަނޑުމެންގެ ރާއްޖެ ކުޑަވެދާނެ. އެކަމަކު، އެއީ އަޅުގަނޑުމެންނަށް ބުލީ ކުރުމަށް ދެވޭ ލައިސަންސެއް ނޫން“ ރައީސް ވިދާޅުވިއެވެ.

ރައީީސްގެ މި ވަރުގަދަ މެސެޖަކީ، ކުރީ ސަރުކާރުގައި ރާއްޖޭގެ ދާޚިލީ ކަންކަމަށް ބަސް ބުނަމުންދިޔަ، އަވަށްޓެރި އިންޑިއާއަށް ދެއްވި މެސެޖެއް ކަމުގައި ބެލެވެއެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖޭގެ ރަށްތަކުގެ ސައިޒު ކުޑަޔަކަސް މިއީ 90،000 އަކަ ކިލޯ މީޓަރު ބޮޑު ޤައުމެއް ކަމަށެވެ.

އިންޑިއާ ކަނޑުގައި އެއް ގައުމަކަށް އެންމެ ބޮޑު ހިއްސާއެއް އޮތީ ރާއްޖެ އަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ރާއްޖެއަކީ ވަކި ގައުމެއްގެ ބެކްޔާޑުގައި އޮތް ތަނެއް ކަމަށެވެ.

”އަޅުގަނޑުމެންނަކީ ވަކި ޤައުމެއްގެ ބެކް ޔާޑްގަ އޮތް ޤައުމެއް ނޫން. އަޅުގަނޑުމެންނަކީ މިނިވަން މުސްތަޤިއްލު ޤައުމެއް. އެހެންވީމަ މިޓެރިޓޯރިއަލް އިންޓަރގްރިޓީގެ އަސާސަކީ ޗައިނާއިން ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް އިހްތިރާމް އަދާކުރާ އަސާސެއް. އަނެއް އަސާސަކީ ނޮން އިންޓަރފިއަރެންސް އިން އިންޓަރނަލް މެޓަރސް. އަޅުގަނޑުމެންގެ އަމިއްލަ އެތެރޭގެ ކަމަކަށް ޗައިނާއަކުން އެއްވެސް ވަރަކަށް ނުފޫޒެއް ނުފޯރުވާ.“  ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެތެރޭގެ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ނުރަނގަޅު ގޮތަކީ ދެ ޤައުމުގެ ދޭތެރޭ ގުޅުން ބޭއްވުމުގެ އޮންނަންޖެހޭ ކަމެއް ނޫން ކަމަށެވެ.

ރައީސް އިއްޔެ މިހެން ވިދާޅުވީއިރު، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަންނަ މާޗު މަހުގެ 15ގެ ކުރިން ގެންދަން ސަރުކާރުން ވަނީ އިންޑިއާގެ ކިބައިން އެދިވަޑައިގެންފައެވެ.