މިވެރިކަމުގެ މިހާތަނަށް 182 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ކަސްޓަމްސްގެ 132 ވަނަ އަހަރީ ހަފްލާފައި ދެއްކެވި ވާހަކަފުޅުގައެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބައިނަލްއަޤްވާމީ ވިއުގަތައް ފުޅާވެފައި އޮތީ ކަންބޮޑުވާހާ ބޮޑު މިންވަރަކަށް ކަމަށް ވިދާޅުވެ ރައީސް ވަނީ  ރާއްޖޭގައި އޭގެ ވިޔަފާރިއާއި، އޭގެ ބޭނުންކުރުން ފުޅާވެފައި އޮތީވެސް އިންތިހާ ދަރަޖައަށް ކަަމަށް ވިދާޅުވެފައެވެ.

”މި މައްސަލަ ޙައްލުކުރުމަށް، ދައުލަތުގެ މުއައްސަސާތަކަށް ބޭނުންވާ އެކަށޭނަ އާލާތްތަކާއި ވަސީލަތްތައް ލިބުމުގައިވެސް އެތައް ދަތިތަކެއް އެބަހުރި. ގޮންޖެހުން ކިތަންމެ ބޮޑު ނަމަވެސް، މަސްތުވާތަކެތީގެ މައްސަލައަކީ ސަރުކާރުން ޚާއްޞަ އިސްކަމެއްދީގެން ޙައްލުކުރަން ބޭނުންވާ މައްސަލައެއް. އެހެންކަމުން، މިކަން ޙައްލުކުރުމަށް ބޭނުންވާ ވަސީލަތްތައް ހަމަކުރުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދީގެން މަސައްކަތްތަކެއް އެބަ ކުރަން.“

ރައީސް ސޯލިހު ވިދާޅުވީ މަސްތުވާތަކެތި ރާއްޖެ އެތެރެކުރުން ހުއްޓުވުމުގައި، ކަސްޓަމްސްގެ ދައުރު ކިތަންމެ ބޮޑު ނަމަވެސް، މުޅި މައްސަލަ ޙައްލުކުރެވޭނީ، ދައުލަތުގެ ކަމާގުޅޭ ހުރިހާ އިދާރާތަކެއް ގުޅިގެން ކަމަށެވެ. އެގޮތުން މިކަން ހައްލުކުރުމުގެ ގޮތުން އެކުލަވައިލި އެކްޝަން ޕްލޭން ތަންފީޒު ކުރުމަށް، ކަމާގުޅޭ އިދާރާތަކަށް 2021 ވަނަ އަހަރު ހާއްސަ ބަޖެޓެއް ހަމަޖެއްސިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތްތައް ހަރުދަނާ ކުރުމަށް، ކަސްޓަމްސްގެ ސަރަޙައްދީ އޮފީސްތަކަށް ބޭނުންވާ ވަސީލަތްތައް ހަމަކުރުމަށް، މި އަހަރުގެ ތެރޭގައި އެހީތެރިކަން ފޯރުކޮށްދީ، ކަސްޓަމްސް އަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ހަމަކުރުމަށްވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

”މިކަންކަމުގެ ރަނގަޅު ނަތީޖާވެސް އަންނަނީ ފެންނަމުން. މަސްތުވާތަކެއްޗާ ދެކޮޅަށް މިކުރާ މަސައްކަތްތަކުގެ ތެރެއިން، ނޮވެންބަރު 2018 އިން ފެށިގެން މިހާތަނަށް، 182 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމުން ވަނީ އަތުލައިގަނެފައި.“ ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ މިއަދަދަކީ ކުރީ ސަރުކާރާ އަޅާބަލާއިރު، 32 އިންސަައްތަ އިތުރު އަދަދެއް ކަމަށެވެ.