އިޒްރޭލުގެ ހައްދުފަހަނައަޅައިފައިވާ ޔަހޫދީން ފަލަސްޠީނުގެ ޣައްޒާއަށް ބޮން އަޅަމުން އަންނަތާ 100 ދުވަސްވެގެންދިޔައިރު، ޣައްޒާ އޮތީ އިންސާނީ ކާރިސާއެއްގެ ތުންފަތްމަތީގައެވެ.

Ads by Asuru

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުގައި ފެށި މި ހަނގުރާމައިގައި 23،900އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފިއެވެ. އަދިވެސް ހަނގުރާމަ ހުއްޓައިލައިފާނެކަމުގެ ކޮޅުމައްޗެއް ނުފެނެއެވެ.

އިޒްރޭލުގެ ބޮޑުވަޒީރަކަށް ހުރި ބެންޖަމިން ނަތަންޔާހޫ ބުނީ، ފަލަސްޠީނުގެ މުސްލިމުންނާއި ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމަ ހުއްޓައިލާނެ އޮތީ އެންމެ ގޮތެއް ކަމަށާއި، އެގޮތަކީ ޔަހޫދީންނަށް ކާމިޔާބުވުން ކަމަށެވެ. ޔަހޫދީންނަށް ކާމިޔާބު ވުމަކީ ވެދާނެ، އަދި ކޮންމެހެންވެސް މުހިންމު ކަމެއް ކަމަށް އޭނާ ބުންޏެވެ.

އދ އިން ބުނާ ގޮތުގައި، މިހާރު ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ޣައްޒާގެ 85 އިންސައްތަ މީހުން އުޅޭ ސަރަހައްދު ދޫކޮށް އެހެން ތަނަކަށް ބަދަލުވާން މަޖުބޫރު ވެގެންދިޔައިރު، 90 ‏‏އިންސައްތަ މީހުންނަށް ކާބޯތަކެތި ހޯދުމުގައި ވަނީ ދަތިތައް ދިމާވެފައެވެ.

ފަލަސްޠީނުގެ ފޮރިން މިނިސްޓްރީން ބުނީ ޣައްޒާ-އިޒްރޭލު ހަނގުރާމައަށް 100 ދުވަސް ވެގެންދިޔައިރު، ޣައްޒާ އަކީ މީހުންނަށް ދިރިއުޅެން ވެސް ދަތި ތަނަކަށް ޔަހޫދީން ހަދާފައިވާ ކަމަށާއި، މިކަން ހުއްޓުވުމަށް ބައިނަލްއަޤްވާމީ ދުނިޔެ ފެއިލްވެފައިވާ ކަމަށެވެ.