ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެމެރިކާގެ އިންޑޯ-ޕެސިފިކް ކޮމާންޑުގެ ކޮމާންޑަރ އެޑްމިރަލް ޖޯން އެކުއިލީނޯއާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

Ads by Asuru

މި ބައްދަލުކުރެއްވުމުގައި އެމެރިކާގެ އިންޑޯ-ޕެސިފިކް ކޮމާންޑުގެ ކޮމާންޑަރ ވަނީ ރައީސް މަޤާމާ ޙަވާލުވެވަޑައިގެންނެވުމާ ގުޅިގެން އެކަމަށްޓަކައި މަރުޙަބާ ވިދާޅުވެ، ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު އޮންނަ ޒަމާންވީ ގާތްގުޅުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަސީލަތްތައް ބިނާކުރުމާއި އަދި ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ބޭފުޅުން ތަމްރީނުކުރުމަށް އެމެރިކާ ސަރުކާރުން ވެދެއްވާ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.

ކޮމާންޑަރ އެޑްމިރަލް ޖޯން އެކުއިލީނޯގެ ވާހަކަފުޅުގައި ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ފެންވަރުމަތިކޮށް ވަޞީލަތްތައް ބިނާކުރުމަށް ކުރަމުންދާ މަސައްކަތަށް އެމެރިކާގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

މީގެ އިތުރުން ސުލްޙަމަސަލަސްކަން ޤާއިމުކުރުމަށާއި، ރާއްޖޭގެ އިސްތިޤުލާލު ރައްކާތެރިކުރުމުގައި އެއްބާރުލުން ދެއްވުމާއި، އަދި އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުންވެސް އެމެރިކާގެ އިންޑޯ-ޕެސިފިކް ކޮމާންޑުގެ ކޮމާންޑަރު މަޝްވަރާކުރެއްވިއެވެ.