ރައްޔިތުން ފެންނަން ޖެހޭނީ ވޯޓުލާއިރު އެކަނި ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް އާއި، ސިޓީ ކައުންސިލުގެ ތިން ދާއިރާއެއްގެ އައު ކައުންސިލަރުން މަޤާމުގެ ހުވައި ކުރެއްވުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުޢިއްޒު ވަނީ، ކޮންމެ ރައްޔިތަކީ ވެސް މުހިންމު ރައްޔިތެއް ކަމުގައި ދެކި، ރައްޔިތުންނަށް ޚިދުމަތް ދެއްވުމުގައި އަމާނާތްތެރިވެ، ފަހަތަށް ނުޖެހުމަށް، މިރޭ ހުވައިކުރެއްވި ކައުންސިލަރުންނާއި މޭޔަރަށް އިލްތިމާސް ކުރައްވައިފައެވެ.

”ހިތުގެ އެންމެ ފުން މިނުން، އެ ރައްޔިތާ މެދުގައި ލޯތްބާއި، އަޅާލުމާ ކުލުނާއެކީގަ.“ އެމަނިކުފާނު ވިދާޅުވިއެވެ.

”ރައްޔިތުން ގާތަށް ދާން ޖެހޭނެ އަބަދު، އަޅުގަނޑު މަސައްކަތް ކުރިން އެގޮތަށް މަސައްކަތް ކުރެވޭތޯ، ރަސްމީ މަސައްކަތުގައި، މިތާ އެބަތިއްބެވި ކައުންސިލަރުން، އަޅުގަނޑުމެންނާ އެކީގަ، ޓައިމް ޓޭބަލެއް ހަދައިގެން އަޅުގަނޑުމެން ދިޔައީ. އެކަން ކުރީމަ، އެ ރައްޔިތުން އުފާވޭ.“ މާލެ ސިޓީގެ ކުރީގެ މޭޔަރު، ރައީސް މުޢިއްޒު އިތުރަށް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ރައްޔިތުންގެ ކައިރިއަށް ގޮސް، ރައްޔިތުން އުޅޭ ޙާލު ބެލުމަކީ، ރައްޔިތުންނަށާއި، އެކަން ކުރައްވަވާ ކައުންސިލަރުންނާއި މޭޔަރަށް ވެސް ބޮޑު އުފަލެއް ލިބިގެންދާ ކަމެއް ކަމުގައި ވިދާޅުވިއެވެ.

އަދި ރައްޔިތުން ކައިރިއަށް ނުގޮސް، ހަމައެކަނި އޮފީހުގައި ރައްޔިތުން އެދޭ ޚިދުމަތް ނުދެވޭނެކަމަށް ވެސް ރައީސް މިރޭ ވިދާޅުވިއެވެ.