ގދ.މަޑަވެލީގައި އޭޓީއެމްގެ ޚިދުމަތް ފެށިގެންދާނެ ގޮތް ހައްދަވައިދެއްވުމަށް ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް އެދިވަޑައިގަންނަވައިފިއެވެ.

Ads by Asuru

މިނިސްޓަރު އަޙްމަދު ޝިޔާމު މިގޮތަށް އެދިލެއްވީ މަސްވެރިންނަށް ރެސްކިއު ޑައިވިން ތަމްރީނު ދިނުމުގެ ޕްރޮގުރާމު އިފުތިތާހުކޮށްދެއްވަން އެ ރަށުގެ ވަޑައިގަތުމުން އެ ރަށުގެ މަސްވެރިން އޭޓީއެމްއެއް ނެތުމުން ކުރި ޝަކުވާއާއި ގުޅިގެން ބޭންކަށް ފޮނުއްވި ސިޓީއެއްގައެވެ.

ބޭންކުގެ ސީއީއޯ ކާލް ސްޓަމްކޭއަށް މިނިސްޓަރު ޝިޔާމު ފޮނުއްވި ސިޓީގައި ވިދާޅުވީ މަޑަވެލީގައި އޭޓީއެމްއެއް ނެތުމުން ބޮޑެތި ދަތިތަކެއް އެރަށުގެ މަސްވެރިން ތަހައްމަލު ކުރަމުންދާކަމަށް ޝިޔާމްގެ އަރިހުގައި ބުނެފައިވާ ކަމަށެވެ.

އަދި ރަށުގައި އޭޓީއެމް ޚިދުމަތް ނެތުމުން އެހެން ރަށަކަށް އެ ޚިދުމަތް ހޯދަން ދާންޖެހިފައި އޮތުމުގެ ސަބަބުން މަސްވެރިންނަށް އާއިލާ ގާތުގައި ރަށުގައި ހޭދަކުރަން ލިބޭ ވަގުތު މަދުވާކަން ސިޓީގައި ފާހަގަކުރެއްވިއެވެ.

އަދި އިތުރު ޚަރަދުތަކެއް ވެސް ކުރަންޖެހިފައިވާކަން މަޑަވެލީ މަސްވެރިން ފާހަގަކުރިކަމަށް ޝިޔާމު ވިދާޅުވިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ރެކޯޑުތަކުން މަޑަވެލީގެ މަސްވެރިންނަށް އެވެރެޖު ގޮތެއްގައި 85،983،740 (އަށްޑިހަ ފަސް މިލިއަން ނުވަލައްކަ އަށްޑިހަތިންހާސް ހަތްސަތޭކަ ސާޅީސް) ރުފިޔާ ލިބިފައިވާކަމަށް ފެންނަ ކަމުގައި ޝިޔާމު ވިދާޅުވިއެވެ.

އަދި ފާއިތުވި 2023 ވަނަ އަހަރުގައި ކަނޑުގެ މަސްވެރިކަމުން އެކަނި އެރަށުގެ މަސްވެރިންނަށް 103 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަން ފާހަގަކުރައްވައި ޝިޔާމު ވިދާޅުވީ މިހައި ގިނަ ފައިސާ ވަންނަމުންދާ ރަށެއްގައި އޭޓީއެމް ޚިދުމަތް ޤާއިމުކުރުމަކީ އެރަށުގެ ރައްޔިތުންނަށް ލުއި ފަސޭހަވާނެ ކަމެއް ކަމަށެވެ.

އެހެންކަމުން މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ޙައްލު ގެނައުމުގެ ގޮތުން އެ ރަށުގައި އޭޓީއެމް ޚިދުމަތް ފެށޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށެވެ.