މި އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮންނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވައިފައިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން(އީސީ) ‏އިން ބުނެފިއެވެ.

Ads by Asuru

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް އީސީ އިން ނިންމާފައިވަނީ މިއަހަރުގެ މާޗް 17 ވަނަ ދުވަހުއެވެ.

ކަލަންޑަރުގައިވާ ގޮތުން އެއީ ރަސްމީ ދުވަހެކެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގައުމީ ލަފާދޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ މަޖިލީހުގެ އިންތިޚާބު އޮންނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައިވާ ކަމަށެވެ.

މަޖިލިސް އިންތިޚާބު ބާއްވާ ދުވަހަކީ ރަސްމީ ދުވަހަކަށް ވެފައި އަދި އެއީ ރޯދަ މަސް ކަމަށްވާތީ ވޯޓުލާން ނިކުންނަ މީހުންގެ އަދަދު މަދުވެދާނެ ކަމަށް ވިދާޅުވެ، ލަފާ ދޭ ކޮމިޓީގެ ބައެއް މެންބަރުން މިއަދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ކަންބޮޑުވުންތަކާއި ގުޅިގެން ހަބީބް ވިދާޅުވީ ވޯޓުލުމަކީ އެންމެންނާވެސް ގުޅިފައިވާ ގައުމީ ކަމަކަށްވާތީ އެ ދުވަސް ބަންދުވާނެ ކަމުގެ ޔަޤީންކަން ބޮޑު ކަމަށެވެ.

”އެ ދުވަސް އަދި ބަންދެއް ނޫން. އެކަމަކު ބަންދު ވާނެ. މިއީ ވަކި ސަރުކާރަކާއި ގުޅިފައި އޮތް ކަމެއް ނޫން،“ ހަބީބް ވިދާޅުވިއެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ޖުމްލަ 284،372 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ.