ގާތުން ކިރު ދިނުމުގެ ސަބަބުން އެތައް ފައިދާއެއް މައިންނަށް ލިބެއެވެ. އޭގެތެރެއިން އެންމެ މުހިންމު އެއް ކަމަކީ ފަސޭހަކަމާއެކު ބަރުދަން ލުއިވުމަށް ލިބޭ އެހީއެއް ކަމަށް ދިރާސާތަކުން ވަނީ ދައްކާފައެވެ.

Ads by Asuru

އެކި އަންހެނުންނަށް ބަރުދަން ލުއި ކުރެވޭނީ އެކި މިންވަރަށެވެ. ގިނަ މައިން ބުނާ ގޮތުގައި، ގާތުން ކިރު ދިނުމުގެ ސަބަބުން، މާބަނޑު ވުމުގެ ކުރިން ހުރި ވަރަށް ބަރުދަން ލުއި ކުރުމަށް ފަސޭހަވެއެވެ.

ގާތުން ކިރު ދިނުމުގެ ސަބަބުން ބަރުދަން ލުއިވަނީ ކީއްވެ؟

މިއީ ގުދުރަތީ ގޮތުން، ވިހެއުމާ ގުޅިގެން އަންހެނާގެ ހަށިގަނޑުން އިތުރުވާ ބަރުދަން ލުއި ކުރަން އޮންނަ ގޮތް ކަމުގައިވެސް ބެލެވިދާނެއެވެ. ދިރާސާއަކުން ދައްކާ ގޮތުގައި، ހަމައެކަނި ގާތުން ކިރުދޭ އަންހެނުން، ކޮންމެ ދުވަހަކު، 500 ކެލޮރީސް އިތުރަށް އަންދައެވެ. މިއީ ކޮންމެ ދުވަހަކު 45 މިނެޓާއި، 60 މިނެޓާ ދެމެދުގެ ވަގުތެއްގައި ކަސްރަތު ކުރުން ފަދަ ކަމެެކެވެ.

ގާތުން ކިރުދޭ މަންމައިންނަށް ބަރުދަން ލުއި ކުރުމަށް އެހީތެރިވެދޭ އަނެއް ކަމަކީ ކެއުމަށް ބަލަން ޖެހުމެވެ. ކުޑަދަރިފުޅަށް ސިއްހީ ގޮތުން ފައިދާ ހުރި ކާނާ ކެއުމަށް މައިމީހާ ސަމާލުކަން ދިނުމަކީވެސް ބަރުދަން ލުއި ވެދާނެ ކަމެކެވެ.

ގާތުން ކިރުދެމުން، ބަރުދަން ލުއި ނުކުރެވޭ މީހުންވެސް މަދެއް ނޫނެވެ. ކެއުމަށް ސަމާލުކަން ނުދެވޭނަމަ، ގާތުން ކިރު ދިން ނަމަވެސް ބަރުދަން އިތުރު ވުމަކީވެސް ވާ ކަމެކެވެ.

ގާތުން ކިރުދެމުން ބަރުދަން ލުއި ކުރާނީ ކިހިނެއް؟

ކެއުން މަދު ކުރިޔަސް މާ ބޮޑަށް މަދު ނުކުރުން: ގާތުން ކިރުދޭ މަންމައިން ދުވާލަކު 1500 އާއި 1800 ދެމެދުގެ މިންވަރަށް ވުރެ ކެލެރީސް ދަށް ނުކުރުން އެދެވިގެންވެެއެވެ.

ޕްރޮޓީން އަދި ފައިބަރ ގިނަ ކާނާ ކެއުން: ޕްރޮޓީން އާއި ފައިބަރ ގިނަ ކެއުންތައް ކާނަމަ، ގިނައިރު ބަނޑުހައިހޫނުކަން އިހްސާސް ވިޔަ ނުދީ ހިފަހައްޓައިދޭނެއެވެ. އެކަމުގެ ސަބަބުން ކެވޭ މިންވަރު މަދުވެއެެވެ.

ގިނައިން ދިޔާ އެއްޗެހި ބުއިން: މަދުން ކާއިރު، ގިނައިން ދިޔާ އެއްޗެހި ބުއިން މުހިންމެވެ. ހާއްސަކޮށް ފެނެވެ. ފެނިުގެ ސަބަބުން ކިރު އުފެއްދުމަށް އެހީ ލިބޭއިރު، ބަރުދަންވެސް ލުއި ކުރުމަށް މަގުފަހި ކުރުވައެވެ.