ރާއްޖޭގައި ކޮންޓްރޯލް ކުރެވިފައިވާ ބައްޔެއް ކަމުގައިވާ، ހޯއްގޮވާ ކެއްސުން ބައްޔަށް ތިން ކުޑަކުދިން ޕޮޒިޓިވް ވެއްޖެއެވެ.

Ads by Asuru

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ބަލި ފެނިފައިވަނީ ގއ. ވިލިނގިލިން ކަމަށެވެ.

އެ ބަޔާނުގައިވާ ގޮތުން، އެ ކުދިން ބައްޔަށް ޕޮޒިޓިވްވުމުން، އައިޖީއެމްއެޗްއާއި ގއ. އަތޮޅު ހޮސްޕިޓަލާ ގުޅިގެން، ކޮންޓެކްޓް ޓްރޭސިން ވަނީ ހަދައިފައެވެ.

އެގޮތުން ބައްޔަށް ޕޮޒިޓިވްވެފައިވާ ކުދިންގެ ކޮންޓެކްޓުންގެ ތެރޭގައި ހިމެނޭ އެއް އަހަރުން ދަށުގެ ކުދިންނާއި މާބަނޑު މީހުންގެ ތެރެއިން ބަނޑަށް ހަ މަސްވެފައިވާ މީހުންނަށް އެންޓިބަޔޮޓިކް ޕްރޮފައިލެކްސިސް ދީފައިވާ ކަމަށް އެ އޭޖެންސީން ބުންޏެވެ.

ހަމައެއާއެކު، ބަލީގެ އަލާމާތްތައް ހުރި ކޮންޓެކްޓުން ބައްޔަށް ޓެސްޓުކޮށް، އެ މީހުންނަށް ބޭސް ދީފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެ ކޭސްތައް ފެނުމާ ގުޅިގެން ގއ. އަތޮޅު ހޮސްޕިޓަލުން އެކަމަށް ޚާއްޞަ ޓާސްކްފޯހެއް އެކުލަވާލައި ބަލި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ރަށުގެ މުއައްސަސާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭއިން ބުނީ އެ ބަލި ޖެހުމުން ނުރައްކާ ބޮޑީ ވަރަށް ތުއްތު ކުދިންނަށް ކަމަށެވެ.

އެހެންކަމުން ހަތް އަހަރު ނުވާ ކުދިން ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުކުރާ ކުދިން ވީހާވެސް އަވަހަށް ވެކްސިން ފުރިހަމަ ކުރުމަށް އެ އޭޖެންސީން އިލްތިމާސްކުރެއެވެ.