ޗައިނާއިން ރިސާޗު ކުރުމަށް ބޭނުން ކުރަމުން އަންނަ އުޅަނދެއް ކަމުގައިވާ ޝިއަންގް ޔަންގް ހޮންގް 3 ދިވެހިރާއްޖެ އަށް އައި ކަމުގައިވިޔަސް، އެ އުޅަނދު ބޭނުންކޮށްގެން ރާއްޖޭގައި އެއްވެސް ދިރާސާއެއް ނުކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

Ads by Asuru

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އުޅަނދު ރާއްޖޭގައި ބަނދަރުކުރުމުގެ ހުއްދަ އަކަށް ޗައިނާ ސަރުކާރުން އެދިފައި ވަނީ، އުޅަނދަށް ބޭނުންވާ ބައެއް އަސާސީ ތަކެތި ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ކަމަށެވެ.

އެ އުޅަނދު ބޭނުންކޮށްގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އެއްވެސް ދިރާސާއެއް ނުކުރާނެ ކަމުގެ ޔަޤީންކަން ވެސް މިނިސްޓްރީން ދިނެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ދިވެހިރާއްޖެ އިން އަބަދުވެސް އެކުވެރި ޤައުމުތަކުގެ އުޅަނދުތަކަށް މަރުހަބާ ކިޔާ ކަން ވަނީ ފާހަގަކޮށްފައެވެ.

އަދި ރާއްޖެއާ ގާތް ގުޅުން އޮންނަ ޤައުމުތަކުގެ އަސްކަރީ އަދި ސިވިލް އުޅަނދުފަހަރަށް ރާއްޖޭގައި ބަނދަރުކޮށް ސުލްހަވެރި ހަރަކާތް ހިންގުމުގެ ހުއްދަ ދޭނެ ކަމަށާއި، އޭގެ ސަބަބުން ރާއްޖެ އާއި އެހެން ޤައުމުތަކުގެ ދެމެދުގައި އޮންނަ ޚާރިޖީ ގުޅުން  ވަރުގަދަ ވާނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

ޗައިނާގެ ރިސާޗް އުޅަނދުތައް އިންޑިއާ ކަނޑުގެ ސަރަހައްދަށް ވަނުމާ އެންމެ ދެކޮޅު، އެއް ޤައުމަކީ އިންޑިއާއެވެ. ރާއްޖެ އަންނަން އުޅޭ ޗައިނާގެ އުޅަނދަށް އިންޑިއާ އާއި ސްރީލަންކާ އިން ވެސް ހުއްދަ ނުދޭކަން ފާހަގަކޮށްލެވެއެވެ.