ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ވަޒީރުން ބާއްވަވާ ފުރަތަމަ ފޯރަމް މިރޭ އޮންނާނެއެވެ.

Ads by Asuru

މި ފޯރަމް ކުރިއަށްގެންދަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ގުޅިގެންނެވެ. ދެ ގަޑިއިރަށް ކުރިއަށްގެންދާ މި ފޯރަމް އޮންނާނީ މިރޭ 8:30ގައެވެ.

”އަހާ“ ގެ ނަމުގައި ކުރިއަށްގެންދާ މިރޭ ބައްވާ މި ފޯރަމުގައި ފަސް ވަޒީރަކު ބައިވެރިވެވަޑައިގަންނަވާނެއެވެ.

ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުންނަކީ، އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި،

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދާއި، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވަޒީރު، ޢާއިޝަތު ޝިހާމް
އާއި އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ރ.ޢަބްދުﷲ މުއްޠަލިބާއި ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.

ވަޒީރުންގެ ޕަބްލިކް ފޯރަމަކީ ސަރުކާރުން ކޮންމެ ދެ މަހަކުން އެއް މަހު ބާއްވާގޮތަށް ނިންމަވާފައިވާ ފޯރަމެކެވެ.

މި ފޯރަމުގައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްކާ ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ އިތުރުން ރައްޔިތުންގެ ހުރި ސުވާލުތަކަށް ވަޒީރުން ޖަވާބުދެއްވާނެއެވެ.

މި ފޯރަމް ބޭއްވުމަށް ނިންމާފައިވާކަން ރައީސް މުޢިއްޒު އިއުލާން ކުރެއްވީ ހޯމަ ދުވަހުގެ ރޭ މާލޭގެ މޭޔަރު އަދި މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި މެންބަރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައެވެ.