މާލެ ސިޓީ ކައުންސިލުގެ އިތުރު ތިން ކައުންސިލަރަކު ވެރިކަން ކުރާ ޕީއެންސީއާ މިރޭ ގުޅިވަޑައިގެންފިއެވެ.

Ads by Asuru

ޕީއެންސީއާ ގުޅިވަޑައިގެންނެވި ތިން ކައުންސިލަރުންނަކީ މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު އިބްރާހިމް އަބޫބަކުރާއި، މާފަންނު ހުޅަނގު އުތުރު ދާއިރާގެ ކައުންސިލަރު މުޙައްމަދު އަރީފް، މައްޗަންގޮޅި ދެކުނު ދާއިރާގެ ކައުންސިލަރު ޢައިޝަތު ނާޒިމާއެވެ.

އެ ކައުންސިލަރުން ޕީއެންސީއާ ގުޅިވަޑައިގެންނެވި ފޯމް ހަވާލު ކުރެއްވީ ރައީސް އަދި ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއެވެ.

ތިން ކައުންސިލަރުންގެ ތެރެއިން އިބްރާހީމް އަބޫބަކުރަކީ ޕީޕީއެމްގައި ހުންނެވުމަށް ފަހު، މި މަހުގެ ތެރޭގައި ޕީއެންއެފަށް ސޮއިކުރެއްވި ކައުންސިލަރެކެވެ.

އަރީޝްއަކީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ކައުންސިލަރެކެވެ. އަދި ނާޒިމާ މިއަދާ ހަމައަށް ވެސް ހުންނެވީ ޕީޕީއެމްގައެވެ.

މިދިޔަ ހޯމަ ދުވަހު މާލެ ސިޓީ ކައުންސިލުގެ މެދު ހެންވޭރު ދާއިރާއަށް ހުވާ ކުރެއްވި، އެމްޑީޕީއަށް ކުރިން ނިސްބަތްވި އަޙުމަދު ރިޝްވާން ވެސް ވަނީ, މަގާމަށް ހުވާ ކުރެއްވުމުގެ ކުރިން ޕީއެންސީއަށް ސޮއިކުރައްވައިފައެވެ.