ސިޓީތަކާއި ރަށްރަށުގައި އުޅަނދު ދުއްވޭނެ އަދަދު ކަނޑައެޅުމުގައި ކުރިމަތިވެފައިވާ ގޮންޖެހުމަށް ޙައްލެއް ހޯދަން ކަމާގުޅޭ ޤަވާއިދު އިސްލާޙު ކުރަން ސަރުކާރުން ނިންމައިފިއެވެ.

Ads by Asuru

ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދޭނެ އަދަދާއި އުޅަނދު ބޭނުންކުރެވޭނެ މުއްްދަތު ކަނޑައެޅުމުގެ ގަވާއިދު އިސްލާހުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިނިސްޓަރު ވަނީ ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އެ ގަވާއިދު އިސްލާހުކޮށް އާންމުކުރާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިކަމުގެ މަގުސަދަކީ ސިޓީ އަދި ރަށު ކައުންސިލުތަކުން ރަށްރަށުގައި ދުއްވޭނެ އުޅަނދުތަކުގެ އަދަދު ކަނޑައެޅުމުގައި، ކުރިމަތިވެފައިވާ ގޮންޖެހުމަށް އެކަށީގެންވާ ހައްލެއް ހޯދައިދިނުމެވެ.

“ސިޓީ އަދި ރަށު ކައުންސިލުތަކުން ރަށްރަށުގައި ދުއްވޭނެ އުޅަނދުތަކުގެ އަދަދު ކަނޑައެޅުމުގައި، ކުރިމަތިވެފައިވާ ގޮންޖެހުމަށް އެކަށީގެންވާ ހައްލެއް ހޯދައިދިނުމަށް، އެކުލަވައިލައިފައިވާ، ނަންބަރު 170-2021 ގަވާއިދަށް ބަދަލުގެނެސް ﷲ ގެ ވާގިފުޅާއެކު، ކުރިޔަށްއޮތް 2 މަސް ދުވަހުގެ ތެރޭގައި އާންކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގައި ދަންނަވަން.“ މިނިސްޓަރުގެ ޕޯސްޓުގައި ވެއެވެ.

މާލޭ ސިޓީ ކައުންސިލްގެ މާފަންނު އޮފީހުގައި މިމަހު 23ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭގެ އައު މޭޔަރު އާދަމް އާޒިމް ވަނީ މާލޭގައި ވެހިކަލް ދުއްވޭނެ ވަކި އަދަދެއް ކަނޑައަޅަން ނިންމައި، ޓްރާންސްޕޯޓް މިނިސްޓްރީ އާއެކު އެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.