ލިވާތު ކުރުމުގެ ކުށުގައި ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ހައްޔަރު ކުރުމުން، އެމަނިކުފާނު އެކަން ހަރުކަށި ފިކުރާ ގުޅުވައިފިއެވެ.

Ads by Asuru

ނާޒިމް ހައްޔަރު ކުރުމުން ނަޝީދު ކުރެއްވި ޓްވީޓެއްގައި ،ރައީސް އިބްރާހީމް މުހައްމަދު ސޯލިހު  ޓެގް ކުރައްވާ ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުން އެ މަނިކުފާނުގެ ކޮއްކޮ ނާޒިމް ހައްޔަރު ކުރީ، ޖިނާއީ އިޖުރައާތުތަކާ ހިލާފަށް ކަމަށާއި، އޭނާ ހައްޔަރުކުރީ ސަރުކާރުގައި ތިބި ދީނީ ހަރުކަށި މީހުންގެ ރުހުން ހޯދަން ކަމަށެވެ.

އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގައި ލޯޔަރު ނާޒިމް ހައްޔަރު ކުރިއިރު، އެއް ޖިންސުން ގުޅުން ހިންގި މީހުން ހައްޔަރު ކުރުމަށް ފުލުހުން ފެށި އޮޕަރޭޝަންގައި އެންމެ ފުރަތަމަ ހައްޔަރު ކޮށްފައިވަނީ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް)އެވެ.

އަދި މި މައްސަލައިގައި ހިމެނޭ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް (ޑިއީޑީ) ގައި ކުރިން މަސައްކަތްކުރި ސާޖަންޓް އަބްދުއްރަހުމާން ރަފީއު ވެސް ހައްޔަރު ކުރިއެވެ.

އެއްްޖިންސުން ގުޅުން ހިންގި މީހުން ހައްޔަރު ކުރުމަށް ފުލުުހުން ފަށާފައި މިވަނީ، ބަންގްލަދޭޝްގެ އަލަމްގީރުއާއެކު އެނުބައި އަމަލު ހިންގި މީހުން ހައްޔަރު ނުކޮށްގެން، އެކަމަށް އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާތާ ގިނަ ދުވަސްތަކެއް ވީ ފަހުންނެވެ.