ޕްރައިމަރީގެ ނަތީޖާ ލިބުމުން ހޮވޭ ބޭފުޅުންގެ ފަހަތަށް ނޮހޮވޭ ބޭފުޅުން އެރުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ގޮވައިލައްވައިފިއެވެ.

Ads by Asuru

ޕީޕީއެމް ޕީއެންސީގެ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދާ ގޮތް ބައްލަވައިލެއްވުމަށްފަހު، މީޑިއާތަކަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، ޕްރައިމަރީ ބާއްވާފައިވަނީ އެކަކަށްވުރެ ގިނައިން މީހުން ކުރިމަތިލާފައިވާ ހުރިހައި ދާއިރާއެއްގެ ވޯޓު ފޮށި ހިމަނައިގެންކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ ދަފްތަރުގައި ޖުމްލަކޮށް 71،000 މީހުން ހިމެނޭކަަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ދެ ތިން ތަނެއްގައި ހަމަނުޖެހުންތަކެއް ހިނގިކަން ސަމާލުކަމަށް އައިސްފައިވާއިރު، މައްސަަަލަތައްވެސް މިހާރު ހައްލުކުރެވިފައިވާކަމަށެވެ.

އަދި ހޮވޭ މީހުންނާއިއެކު ނުހޮވޭ މީހުން އެކަތިގަނޑެއްގެ ގޮތުގައި ފެނިގެންދާން އުއްމީދުކުރައްވާކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ ކުރިއަށް އޮތް މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓުން ވާދަކޮށް ރަނގަޅު ނަތީޖާއެއް ހާސިލުކުރެވިގެންދާނެ ކަމަށްވެސް އުއްމީދުކުރައްވާކަމަށެވެ.

”އުއްމީދަކީ މިއަދުގެ ޕްރައިމަރީ ނިމުނީމަ، ހޮވުނު ބޭފުޅުންނާއިއެކީގައި ނުހޮވޭ ބޭފުޅުން، އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގަ އަޅުގަނޑުމެންގެ ކޯލިޝަންގެ ކެންޑިޑޭޓުން ވާދަކޮށް ރަނގަޅު ނަތީޖާއެއް ހޯދުން.“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ވޯޓާސް ލިސްޓަށް ބަދަލު ގެނައުން ފަދަ ކަމެއް ހިނގާނެ ކަމަށް އެމަނިކުފާނު ޤަބޫލުފުޅު ނުކުރައްވާ ކަމަށާއި، އެއްގޮތަކަށް ވެސް ޤަބޫލު ކުރެވޭ ކަމެއް ނޫން ކަމަށާއި، ޕީޕީއެމް/ޕީއެންސީން ބާރު އަޅަނީ ފްރީ އެންޑް ފެއާ އިންތިޚާބަކަށް ކަމަށެވެ.