ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމާއި، މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ)ގެ އިތުބާރު ނެތްކަމުގެ މައްސަލަ ޕީޕީއެމް/ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހަޅައިފިއެވެ.

Ads by Asuru

މަޖިލީހުގެ ރައީސްއާއި ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލަ ހުށަހަޅައިފައި މި ވަނީ، ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ނިންމުމާއި ގުޅިގެންނެވެ.

އެ ދެ ބޭފުޅުން މަޤާމުން ވަކި ކުރަން ހުށަހެޅި ޤަރާރުގައި ޕީޕީއެމް/ޕީއެންސީގެ މެމްބަރުންގެ އިތުރުން އެމްއެންޕީއަށް ނިސްބަތްވާ ދަނގެތި ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމާއި ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު އަބްދުﷲ(މޮސްޓާ)އާއި މީދޫ ދާއިރާގެ މެމްބަރު އަޙްމަދު ސިޔާމް މުޙައްމަދާއި، ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަޙްމަދު އާމިރު ވެސް ސޮއި ކުރައްވައިފައިވެއެވެ. އެ މެމްބަރުންނާއިއެކު، ޤަރާރުގައި ސޮއި ކުރެއްވި މެމްބަރުންގެ އަދަދަކީ 23އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނީ, ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާއި ގާނޫނު އަސާސީގެ 70 އަދި 75 ވަނަ މާއްދާއާ ހިލާފުވެފައިވާ ކަމަށްވާތީ ކަމަށް މަޖިލީހަށް ހުށަހެޅި ގަރާރުގައިވެއެވެ.

މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނީ, އަހުމަދު ސަލީމު މަޖިލީހުގެ ނާއިބު ރައީސްގެ މަގާމުގައި ހުންނަވާ ވަކި ޕާޓީއެއްގެ މަސްލަހަތު ހިމާޔަތްކުރެއްވުމަށް މަސައްކަތްކުރެއްވުމާއި ގާނޫނު އަސާސީން މަތިކޮށްފައިވާ ޒިންމާތަކާއި ހިލާފުވުމާއި އަދި މަޖިލީހުގެ ގަވާއިދުގެ އިތުރުން ގާނޫނު އަސާސީގެ 75 ވަނަ މާއްދާއާއި ހިލާފުވެފައިވާ ކަމަށް މަޖިލީހަށް ހުށަހެޅި ގަރާރުގައިވެއެވެ.