ރާއްޖޭގައި ހެލްކޮޕްޓަރުގެ ޚދުމަތް އަލުން ފަށަން ސަރުކާރުން ނިންމަވައިފިއެވެ.

Ads by Asuru

ކެބިނެޓުގެ ނިންމެވުންތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ ހެލިކޮޕްޓަރުގެ ހިދުމަތް އަލުން ފަށަނީ އަވަސް ސިއްހީ ފަރުވާ ބޭނުންވާ މީހުން އެއްތަނުން އަނެއް ތަނަށް ގެންދިއުމާއި ގެއްލޭ މީހުން ހޯދުމުގެ މަސައްކަތްތަކަށް ކަމަށެވެ.

އެ މަސައްކަތަށް ދެ އިންޖީނުލީ ހެލިކަޕްޓަރު ބޭނުން ކުރުމަށާއި، އެ ޚިދުމަތް ފޯރުކޮށް ދޭނީ ވާދަވެރި ބީލަމަކަށް ހުޅުވާލުމަށް ފަހު، ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަކަށް ހަވާލުކޮށްގެން ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ހެލިކޮޕްޓަރުގެ ހިދުމަތް ފަށައިގަންނަން ބޭނުންވާ އެ ދާއިރާގެ ކޮންސަލްޓަންޓަކު ހޯދުމަށާއި ރެގިއުލޭޓަރީ މަސައްކަތްތައް ބައިނަލްއަގުވާމީ މިންގަނޑަށް ކުރުމަށްޓަކައި ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް އިތުރަށް ބޭނުންވާ އޮފީސް ޖާގައެއް ހަމަޖެއްސުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ވެސް ސަރުކާރުން ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މީގެއިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ހެލިޕޯޓަކަށް ޖާގަ ހަމަޖެއްސުމާއި އިތުރު ސަރަހައްދެއްގައި ހެލިޕޯޓެއް ގާއިމުކުރަން ޖެހޭ ނަމަ، ކުރަން ޖެހޭ ކަންކަން ކުރަން ވެސް ވަޒީރުންގެ މަޖިލިހުން ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އަދި ހެލިކޮޕްޓަރު މަސައްކަތް ފަށައިގަތުމަށް ބޭނުންވާ މި ދާއިރާގެ ތަޖުރިބާކާރަކު ހޯދުމަށާއި ރެގިއުލޭޓްރީ ކަންކަން ބައިނަލްއަގުވާމީ މިންގަނޑަށް ކުރުމަށްޓަކައި ސިވިލް އޭވިއޭޝަން އޮތޯރިޓީ އަށް އިތުރަށް ބޭނުންވާ އޮފީސް ޖާގަ ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

ކެބިނެޓުން ވަނީ ވީއައިއޭގައި ހެލިޕޯޓަކަށް ޖާގަ ހަމަޖެއްސުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ވެސް ނިންމަވައިފައެވެ. އަދި އިތުރު ސަރަހައްދެއްގައި ހެލިޕޯޓެއް ހަދަންޖެހޭ ކަމަށް ފާހަގަ ކުރެވޭ ނަމަ އެކަމަށް ކުރަންޖެހޭ ކަންކަން ކުރިއަށްގެންދަން ވެސް ސަރުކާރުން ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ސިވިލްއޭވިއޭޝަންގެ އޮތޯރިޓީގެ އޮނިގަނޑު އިސްލާހު ކުރުމާއި އެ ދާއިރާއަށް ޝައުގުވެރިކަން ކުރުވަން މުސާރައިގެ އޮނިގަނޑަށް ބަދަލުތަކެއް ގެނައުމަށް ވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވައިފައެވެ.

ހެލިކޮޕްޓަރުގެ ޚިދުމަތް ރާއްޖޭގައި އަލުން ފަށަން ނިންމާފައިވާއިރު މީހުން ހޯދުމާއި ބަލި މީހުން އުފުލުގައި މީގެކުރިން ބޭނުންކޮށްފައިވަނީ އިންޑިއާ އިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓެވެ. އެ އުޅަނދުތައް  ދުއްވަމުން ދިޔައީ އިންޑިއާގެ ސިފައިންނެވެ. މި ސަރުކާރުން ވަނީ އިންޑިއާ ސިފައިން ފޮނުވައިލަން ނިންމަވައިފައެވެ. އަދި އެކަމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރައްވަމުންނެވެ.