ޒާތީ ގޮތުން ކުރާ ކަންކަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރު ބަލިކަށި ނުކުރެވޭނެ ކަމަށް ބަންޑާރަ ނައިބު އަޙުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

Ads by Asuru
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދާއި ބަންޑާރަ ނައިބު އަޙުމަދު އުޝާމް އަދި ހައުސިން މިނިސްޓަރު ޑރ. ޢަލީ ހައިދަރަށް، ރުހުން ނުދޭން ނިންމައިފައެވެ.

އެމްޑީޕީން އެގޮތަށް ނިންމާފައިވާ އިރު، އުޝާމާއި އިސްލާމިކް މިނިސްޓަރު ޝަހީމާއި ހައުސިން މިނިސްޓަރު ހައިދަރަށް ރުހުން ނުދޭން ދަ ޑިމޮކްރެޓްސް އިންވެސް ވަނީ ނިންމައިފައެވެ.

އުޝާމް އިއްޔެ އެކްސްގައި ވިދާޅުވީ އޭނާގެ ޒީފާގެ ހައިސިއްޔަތުން ”ޕްރޮފެޝަނަލީ“ ނިންމާފައި އޮތް އެއްވެސް ނިންމުމަކާ ގުޅިގެން ރުހުން ނުދޭން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ.

”މިއީ ޒާތީ ކަމެއް. ޒާތީގޮތުން ޖައްސާލާ، ސަރުކާރު ބަލިކަށިކުރުމުގެ ނިޔަތުގަ ކުރާ މިކަހަލަ ކަންކަމުން ސަރުކާރު ބަލިކަށިވެސް ނުކުރެވޭނެ. ރައީސް މުޢިއްޒު ހުންނެވީ ގަދަކޮށް.“ ‏އޭނާ ވިދާޅުވިއެވެ.

ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމާ ގުޅިގެން މަޖިލީހުގެ ރައީސް އަސްލަމް އާއި ނައިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް މިހާރު ވަނީ ހުށަހަޅާފައެވެ.

މި މައްސަލަ މަޖިލީހަށް ވައްދާފައިވަނީ 23 މެމްބަރުންގެ ސޮޔާއެކުއެވެ. މީގެތެރޭގައި ޕީއެންސީ އާއި އެމްއެންޕީ އަދި އެމްޑީއޭގެ މެމްބަރުން ހިމެނެއެވެ.