މީސްމީޑިއާ އެޕް، ޓިކްޓޮކުން ގިނަ ބަޔަކު ދަންނަ ފާތިމަތު ރޫމާ (ޕްރިޓީ ރޫމީ)އަށް މަސްތުވާތަކެތި ބޭނުންކޮށް، ވިއްކާކަމުގެ ތުހުމަތު ފުލުހުން ކުރެއެވެ.

Ads by Asuru

ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން، އުމުރުން 43 އަހަރުގެ ރޫމާ އާއި އޭނާގެ ފިރިމީހާވެސް ވަނީ ފުލުހުން ހައްޔަރު ކޮށްފައެވެ. އެ ދެމީހުން ހައްޔަރު ކުރީ ހ.ބްލޫ ލައިޓުންނެވެ.

ކޯޓު އަމުރެއްގެ ދަށުން ރޫމީގެ ގެއަށް ފުލުހުން ވަދެފައި ވަނީ ބުދަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. ރޫމީ މެންގެ ގެއިން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 150 ގްރާމް ހުއްޓެވެ.

މި ޚަބަރާއެކު ގިނަ ބައެއްގެ ފާޑުކިޔުން ރޫމީ އަށާއި ޓިކްޓޮކް ތަރިންނަށް ވަނީ އަމާޒުވެފައެވެ. އެގޮތުން ޓިކްޓޮކްގައި އުޅޭ ބައެއް މީހުންނަކީ ވަރަށް ވިޔާނުދާ އަަމަލުތައް ހިންގާ ބައެއްކަން، ބައެއް މީހުން ވަނީ ފާހަގަކޮށްފައެވެ.

”ޓިކްޓޮކް ކުޅުމުގެ ޝަރުތު އަދި ތި ހަމަވީ. ޖަލުގައި އޮވެގެންވެސް ވާނެ ޓިކްޓޮކް ކުޅެން.“ މީހަކު ކުރި ކޮމެންޓެއްގައި ބުނެފައިވެއެވެ.

”ތިއީ ތި ފާޑަށް އުޅޭ މީހުން. އެކަމަކު ހިޔެއް ނުވޭ އަަދަބެއް ލިބޭނެހެން.“ އިތުރު މީހަކު ކުރި ކޮމެންޓެއްގައި ލިޔެފައިވެއެވެ.

ރޫމާ އާއި އޭނާގެ ފިރިމީހާގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން ކޯޓަށް ފުލުހުން ހުށަހަޅާފައިވާ ހުށަހެޅުމާއި ހަވާލާދީ ކޯޓުން ނެރުނު އަމުރުގައި ވަނީ، އޭނާގެ މައްޗަށް ތުހުމަތު ކޮށްފައިވާ ކުށް ކުރި ކަމަށް ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަތަކަށް ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށެވެ.

އަދި އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުއަށް ނުރައްކާ ވާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.