މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން 276 މިލިއަނަށްވުރެ، ގިނަ  ރުފިޔާ މި ސަރުކާރު އައި ފަހުން މިފްކޯއިން ސަރުކާރުގެ އެހީތެރިކަމާއިއެކުގައި ދީފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by Asuru

މިނިސްޓަރު ޝިޔާމް މި މަޢުލޫމާތު ހާމަކުރެއްވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

‏މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދެވި ލަސްވާތީ އެއާއިލާތަކުގެ ޒަރޫރީ ބޭނުންތައް ނުފުއްދި، ކުލިނުދެއްކި، ޔުޓިލިޓީ ބިލްތަކަށް ފައިސާނުދެއްކި، ދަރިންގެ ޓިއުޝަންފީ ނުދެއްކި، ލޯނުތައް އަދާނުކުރެވި ދުވަސްތައް ގުނަންޖެހުމަކީ އެއްވެސް ފަރުދަކަށް އަދި އާއިލާއަކަށް ފަސޭހަކަމެއްނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

”އަދި އެއީ ލިބޭ ވަރަށް ވެސް ބޮޑު ހިތްދަތިކަމެއް. ރައީސް ޑރ. މުޢިޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު މަސްވެރިންނަށް ދޭންޖެހޭ 250 މިލިޔަނެއްހާ ރުފިޔާ އޮތް. އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން މިހާތަނަށް މިފްކޯއިން ސަރުކާރުގެ އެހީތެރިކަމާއެކު 276 މިލިއަނަށްވުރެ ބޮޑުއަދަދެއް މަސްވެރިންނަށް ޚަލާސްކުރެވިއްޖެ.“ ޝިޔާމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ދުވަސްވަރަކީ މަސަވެރިކަން الله ގެ ރަޙުމަތުން ރަނގަޅު ދުވަސްކޮޅަކަށްވެފައި ކޮންމެދުވަހެއްގެވެސް އިތުރުވާ އަދަދާއެކު މަސްވެރިންނަށް ނުދެވި  190 މިލިއަނެއްހައި ރުފިޔާ އަދިވެސް އެބަހުރި ކަމަށެވެ.

”ސަރުކާރު އަދި މިފްކޯ އިން ދަނީ ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމަށް ސަވަރިން ގެރެންޓީދީގެންވެސް ފެސިލިޓީއެއް ހޯދުމުގެ މަސައްކަތް ބާރަށް ކުރަމުން.“

ނިމިދިޔަ ސަރުކާރުން ފައިސާ ޗާޕުކުރުމާ މާލީ ޑިސިޕްލިން ގެންގުޅުނުގޮތުން އެތެރެއިން އަދި ބޭރުންވެސް ފެސިލިޓީއެއް ހޯދުމުގައި ގޮންޖެހުން ހުރިކަން ފާހަގަކުރައްވައި ޝިޔާމް ވަނީ، ލަސްތަކެއްނުވެ މިހާރު ހުރި ބެކްލޮގް އެއްކޮށް ފިލުވާލެވި ބަރާބަރަށް މަސްވެރިންނަށް ފައިސާ ދެވިގެން ދާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށެވެ.

އަދި މަސްވެރިކަމުގެ ސިނާއަތުގައި ހުރި އެހެން ގޮންޖެހުންތައްވެސް ހައްލުވެ، މިސަރުކާރުގެ މަސްވެރި މެނިފެސްޓޯ ބަރާބަރަށް ތަންފީޒުވެ މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުވެގެން ދާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހުންނެވީ ކަންކަން ހައްލުކުރައްވަން އެންމެ ކުރިޔަށް ނިކުންނަވާ.“ މިނިސްޓަރު އިތުރަށް ވިދާޅުވިއެވެ.

ޝިޔާމް ވަނީ މަސްވެރިންގެ ފަރާތުން އަބަދުވެސް ލިބޭ އެއްބާރުލުމަށް ނުހަނު އިޚުލާސްތެރިކަމާއެކު ޝުކުރުދަންނަވާ ކަމަށް ވިދާޅުވެފައެވެ.